ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވިލާ ގްރޫޕްގެ ރިސޯޓްތަކުގެ ސްޕާތައް ބަންދުކުރަން އެންގުމުން އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން ބުދަ ދުވަހު ކުރި ހުކުމްގައި ބުނަނީ ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ ފަރާތުން ދައުވާ ކޮށްފައި ވަނީ ސްޕާތައް ބަންދުކުރުމަށް އަންގާފައިވާ އެންގުމަކީ ޓޫރިޒަމް މިނިސްޓްރީ އާއި އެކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމާއި ޚިލާފު ކަމެއްކަމަށް ކަނޑައަޅައި ދިނުމަށް ކަމަށެވެ.

އެ ހުކުމްގައި ބުނަނީ ވިލާ ޝިޕިންގެ ފަރާތުން އެފަދަ ދައުވާއެއް ކުރުމަކީ އެގްރީމެންޓްގެ ދަށުން އެކުންފުންޏަށާއި ޓޫރިޒަމް މިނިސްޓްރީއަށް ލިބިފައިވާ ބާރުތަކާއި މެދު ދެބަސްވުމެެއް އުފެދިފައިވާ ކަން އެނގޭ ކަމަށެވެ. އަދި ދެފަރާތުގެ ދެމެދުގައި ދެބަސްވުމެއް އުފެދިއްޖެ ހާލަތެއްގައި ފުރަތަމަ އަމަލު ކުރަން ޖެހޭގޮތަކީ ދެފަރާތުން ވާހަކަދައްކައިގެން އެކަމެއް ހައްލުކުރަން މަސައްކަތް ކުރުން ކަމަށް އެގްރީމެންޓްގައި ބުނެފައިވާކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އެހެންކަމުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ސަރުކާރާ ވާހަކަދައްކައިގެން ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ދެބަސްވުން ހައްލު ކުރުމަށް މަސައްކަތް ކޮށްފައި ނުވާތީ އެ މައްސަލަ ކޯޓުގައި ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ސިވިލް ކޯޓުގެ ހުކުމްގައިވާގޮތުން ވިލާ ޝިޕިން އަށް ދެން އެ މައްސަލަ ކޯޓަށް ހުށަހެޅޭނީ ސަރުކާރާއި މަޝްވަރާކޮށް ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ޚިޔާލުތަފާތު ވުންތައް ހައްލުކުރުމަށް މަސައްކަތްކޮށް އެކަން ކާމިޔާބު ނުވާކަމުގައި ވާނަމަ އެވެ.

ވިލާގެ ރިސޯޓްތަކުގެ ސްޕާތައް ކުރީގެ ސަރުކާރުން ކުއްލި ގޮތަކަށް ބަންދު ކުރަން އެންގީ ވިލާގެ ރިސޯޓްތަކުގެ ސްޕާތަކުގައި ބަދު އަހުލާގީ އަމަލު ހިންގާ ކަމަށް ތުހުމަތުކޮށެވެ.