ނިއުދިއްލީ (އޮކްޓޯބަރ 27): އިންޑިޔާގެ ޚާރިޖި ވަޒީރު ސަމަންހެލީ ކްރިޝްނާ މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިންޑިޔާ ސަރުކާރުގެ ދާއިރާތަކާ ޙަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިޔާ ބުނި ގޮތުގައި އުމުރުން 80 އަހަރުގެ ކްރިޝްނާ އިސްތިއުފާ ދެއްވި ސިޓީ ބޮޑުވަޒީރު މަންމޯހަން ސިންޤްގެ އަތްޕުޅަށް އަރާފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. އިންޑިޔާގެ މީޑިޔާ ބުނާގޮތުން އިސްތިއުފާ ދެއްވުމުގެ ކުރިން ކްރިޝްނާ ވަނީ އެ މައްސަލާގައި މަންމޯހަން ސިންގްއާ މަޝްވަރާ ކުރައްވައިފަ އެވެ. އަދި މަންމޯހަން ސިންގް ވަނީ ކްރިޝްނާގެ އިސްތިއުފާ ޤަބޫލުލުރައްވައިފަ އެވެ.

އިންޑިޔާގެ ޚާރިޖި ވަޒީރު ކަމަށް ސަމަންހެލީ ކްރިޝްނާ ޢައްޔަންކުރެއްވީ 2009ގައި ބޭއްވި އިންޑިޔާގެ ޢާންމު އިންތިޚާބަށްފަހުގަ އެވެ. ވެރިކަންކުރާ ކޮންގްރެސް ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ކްރިޝްނާ މަޤާމުން އިސްތިއުފާ ދެއްވީ ޒުވާނުންގެ އާބާދީ ބޮޑު އިންޑިޔާގެ ޒުވާނުންނަށް ސިޔާސީ މަސްރަޙުން ޖާގަ ދެއްވުމުގެ ނިޔަތުގައި ކަމަށް އިސްތިއުފާ ހުށަހެޅުއްްވުމަށް ފަހު ދެއްވި ބަޔާނުގައި އޭނާ ވިދާޅުވެފައިވެ އެވެ.

މަޤާމުން އިސްތިއުފާ ދެއްވި ނަމަވެސް ކޮންގްރެސް ޕާޓީ އަށް ޚިދްމަތްކުުރުންމަތީ ދެމިހުންނަވާނެ ކަމަށް ކްރިޝްނާ ވިދާޅުވި އެވެ. ކްރިޝްނާ އިސްތިއުފާ ދެއްވީ އިންޑިޔާގެ ފެޑްރަލް ކެބިނެޓަށް ބައެއް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އިންޑިޔާގެ ކެބިނެޓަށް މަންމަންމޯހަން ސިންގް މާދަމާ ބައެއް ބަދަލުތައް ގެންނަވާނެ އެވެ.

އިންޑިޔާގައި ދާދިފަހުން ފެންމަތިވި އެތައް ބިލިޔަން އެމެރިކާ ޑޮލަރުގެ ޚިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތަކުގައި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ބައެއް އިސްފަރާތްތައް ޝާމިލްވެފައި ވާތީ ކުރިން ރައްޔިތުންގެ މެދުގައި އޮތް އެ ޕާޓީގެ އިތުބާރަށް ވަނީ ބުރޫއަރާފަ އެވެ. އިންޑިޔާގައި ޢާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ 2014 ވަނަ އަހަރުގައެވެ. (ނޫސްއެޖެންސީތައް)