ކާބުލް (އޮކްޓޯބަރ 27): އަފްޣާނިސްތާނުގެ އުތުރުގެ ރަށެއްކަމަށްވާ މައިމާނާގެ މިސްކިތެއްގައި އަމިއްލަ އަށް މަރުވެގެން މީހަކު ދިން ޙަމަލާއެއްގައި 37 މީހަކު މަރުވެ ތިރީހަކަށް މީހުން ޒަޚަމްވެއްޖެ އެވެ.

އަފްޣާނިސްތާނުގެ ފަރިޔާބް ސްޓޭޓްގެ ގަވަރުނަރުގެ ނައިބު ޢަބްދުއްސައްތާރު ބާރީޒް ވިދާޅުވި ގޮތުގައި އަމިއްލައަށް މަރުވެގެން މިޙަމަލާ ދީފައި ވަނީ އަފްޣާން ފުލުހުންގެ ހެދުން އަޅައިގެން ހުރި މީހެކެވެ. ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން ހުރި މިމީހާ އޭނާގެ ޖާނު ގޮއްވާލާފައި ވަނީ އިއްޔެ ޢީދުނަމާދު ކުރަމުންދިޔަ ވަގުތު ކުއްލިއަކަށް މިސްކިތުގެ ތެރެއަށް ވަދެގަނެގެން ކަމުގަ އެވެ. މިމީހާ އޭނާގެ ހަށިގަނޑު ގޮއްވާލީ "ޢީދު ގާހް" ނަމަކަށްކިޔާ މި މިސްކިތުގެ މެދުތެރޭގައި ހުރެގެން ކަމަށާއި މަރުވެ އަދި ޒަޚަމްވެފައި ވަނީ އެވަގުތު މިސްކިތުގައި ޢީދުނަމާދުކުރަން ތިބި މީހުން ކަމަށާއި މީގެތެރޭގައި އަފްޣާން ފުލުހުންގެ ބައެއް މީހުން ވެސް ހިމެނޭ ކަމަށް ޢަބްދުއްސައްތާރު ވިދާޅުވި އެވެ. މިޙަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެ އެވެ.

އަފްޣާނިސްތާނުގައި އަމިއްލައަށް މަރުވެގެން ތަންތަނަށް ޢާންމުގޮތެއްގައި ޙަމަލާދެނީ އެމެރިކާއާއި ނޭޓޯގެ އިސްތިޢްމާރީ ބާރުތައް އަފްޣާނިސްތާނުން ފައްސާލުމަށް މަސައްކަތްކުރާ ތާލިބާން ޖަމާއަތުންނެވެ. އެމެރިކާ އިސްތިޢްމާރީ ސިފައިންނެކޭ އެއްގޮތަށް ތާލިބާނުންނަކީ ވެސް އަފްޣާން ޢާންމުން ދިރިއުޅޭ ތަންތަނަށް ޙަމަލާދީ އަފްޣާން ޢާންމުން މެރުމުގައި ވެސް ޝާމިލްވާ ހަނގުރާމަވެރި ޖަމާއަތެކެވެ. މީގެއިތުރުން މިސްކިތްތަކަށް ޙަމަލާދޭކަމުގެ ތުހުމަތު ވެސް އަފްޣާން ސަރުކާރުން ތާލިބާނުންގެ މައްޗަށްކޮށްފައިވެ އެވެ. ނަމަވެސް މިސްކިތްތަކަށް ދެވޭ ޙަމަލާތަކުގެ ފަހަތުގައި ވަނީ ބޭރުގެ ފަރާތްތައް ކަމަށާއި އެއީ ތާލިބާނުންގެ އަގުވައްޓާލުމަށް ހިންގާ ޢަމަލެއްކަމަށް ކުރިން ތާލިބާނުން ބުނެފައިވެ އެވެ.

މުރާސިލުން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ މިސްކިތެއްގައި އިއްޔެ ޢީދުނާމާދުކުރަނިކޮށް އަމިއްލައަށް މަރުވެގެން ދިން ޙަަމަލާ ތަންފީޒުކޮށްފައި ވަނީ ވަރަށް ރޭވުންތެރި ގޮތެއްގަ އެވެ. އެހެންކަމުން މިއީ ތާލިބާނުންގެ ޙަމަލާއެއްކަން ނޫނީ ތާލިބާނުންގެ ބޮލުގައި އެޅުވުމަށް އެމެރިކާ ފަދަ ޤައުމެއްގެ ޖާސޫސީ އިދާރާއެއް އަޑީގައި އޮވެގެން ދިން ޙަމަލާއެއްކަން ދަނެގަތުމަކީ ވަރަށް އުނދަނގޫ ކަމެކެވެ. (ނޫސްއެޖެންސީތައް)