27 Oct 2012, 09:55
އިއްޔެ ހަވީރު 4:00 ން ރޭގަނޑު 10:00 އަކަށް ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި އޮތީ ހަމަޖައްސައިފަ އެވެ. ނަމަވެސް މޫސުން ގޯސްވެ ވާރޭ ވެހެން ފެށުމުން ރޭގަނޑު 7:30 ފެށިގެން ފައިމަގުގައި އުޅޭ ވަގުތު ކުރުކޮށް ދުއްވާ އުޅަދުތަކަށް މަގުތައް ހުޅުވާލި އެވެ. އެ ވަގުތު ކުރުކުރަން ޖެހުނު މައިގަނޑު ސަބަބަކަށް ވީ އިރުއޮއްސުނު ވަގުތު ވެހުނު ބޯ ވާރޭގައި މާލޭގެ ބޮޑެތި މަގުތަކުގައި ފެންބޮޑުވެ، ހިނގާބިގާވެ އުޅުމަށް އުދަނގޫވުމެވެ.
"މާލޭގެ ބޮޑެތި މަގުތަކުގައި ފެންހެދުނީމައި ކިހިނެތް ހިނގާފައި އުޅޭނީ، އެހެންވެ އެންމެ ބޮޑަށް އެ ވަގުތު ކުރުކުރަން ނިންމީ. މަގުތަކުގައި ފެންބޮޑުވި މައްސަލަ އެންމެ ބޮޑު މައްސަލައަކަށްވީ،" ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް އޮތޯރިޓީން އެ ވަގުތު ކުރުކުރަން ރޭ ކުރި މަޝްވަރާތަކާ ގުޅޭ ގޮތުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ވާރޭ ކޮޅެއް ވެހިލާއިރަށް މާލޭގެ މަގުތަކުގައި ފެންބޮޑުވުމަކީ މިފަހުން ދިމާވި މައްސަލައެއް ނޫނެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އެކި ވަރަށް އެ މައްސަލަ އައީ ކުރިމަތިވަމުންނެވެ. ވާރޭ ކޮޅެއް ވެހޭއިރަށް އަމީނީ މަގު ފިނޭންސް މިނިސްޓްރީއާ ހަމައިން ފެށިގެން ވިޔަފާރި ވެރިންގެ މިސްކިތާއި ހަމައަށް އެ މަގުގައި ފެންބޮޑުވެ އެވެ. ބޮޑުތަކުރުފާނު މަގުން ވެސްޓްޕާކާ ދިމާލުގައިވެސް ފެންގަނޑުބޮޑުވެ އޮންނަނީ ކޯރުހެދިފަ އެވެ. އަދި ބުރުޒުމަގުގެ އެކި ސަރަހައްދުތަކުގައިވެސް ފެން ހެދެ އެވެ. ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން ބޮޑުތަކުރުފާނު މަގުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ އެވެ.
މިފަހުން މިވީ ދެ މަސްދުވަހުގެ ތެރޭގައި މޫސުން ގޯސްވާ ކޮންމެ ފަހަރަކުހެން މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންހެދެ އެވެ. ހަފްތާއެއްހާ ދުވަސްވަންދެން އެކަމުގެ ދުއްތުރާލާ އުޅެންޖެހެ އެވެ. އެގޮތުން ރޭވެސް ވެހުނު ވާރެއާ އެކު އަމީނީ މަގު ފިނޭންސް މިނިސްޓްރީން ފެށިގެން ގޮސް ވިލިގިލީ ފެރީ ޓާމިނަލް ސަރަހައްހަދާ ހިސާބު އޮތީ ފެންބޮޑުވެފަ އެވެ. ވަރަށް ބޮޑަށެވެ. އެ ސަރަހައްދުގައި ހެދިފައި އޮތް ފެންގަނޑު ބޮޑު ކަމުން ދުވާރުމަތިންވެސް މީހަކަށް ނުހިނގެ އެވެ. އަދި ސައިކަލުގައިވެސް ނުތެމި ދުއްވާވެސް ނުލެވޭ ވަރަށް ފެންގަނޑު އޮތީ ބޮޑުވެފަ އެވެ.
މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ މަގުތަކުގައި ފެންގަނޑު ބޮޑުވާން ދިމާވަނީ ކާނުތައް ފުރިގެން އެކަނި ނޫންކަމަށެވެ. މަގުތަކުގެ ސްޓްރަކްޗާގެ މައްސަލަތަކެއް އުޅޭ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. "ކާނުތަކުގައި ކުނި ހަރުލުން ކަހަލަ ކަންތައްތައްވެސް ހިއްސާ ކުރާނެ. އަދި އޭގެ އިތުރުން މަގުތަކުގެ އުސްވުމާއި އަޑިގަނޑު ހެދިފައި ހުރުން ކަންކަންވެސް ހިއްސާކުރާނެ،"
ފެންހެދެނީ މަގުތަކުގެ އަޑިގުޑަން ކަމުން އެކަނި ކަމަށް ބުނެވޭކަށްވެސް ނެތެވެ. އެހާ ބޮޑަށް ފެންހެދުމުގައި ކާނުތައް ރަނގަޅަށް ނުބެލެހެއްޓި ސާފުނުކުރުންވެސް އެއީ މައްސަލައެކެވެ. އެހެން ނޫނީ ކޮންމެވެސް ވަރަކަށް ފެންހިނދެން ޖެހޭނެ އެވެ. ފެންނުހިނދި އޮންނަ ގޮތަށް އޮވެ ފެން ހިނދެން އެތައް ދުވަހެއް ނަގާނީ ކާނުތަކުން އެއްގޮތަކަށްވެސް ފެން ނުދާތީ އެވެ. ނަމަވެސް ކާނުތައް މެއިންޓެއިން ކުރުމުގައިވެސް ސިޓީ ކައުންސިލަށް ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ. އެއީ މެޝިނަރީ އާއި މުވައްޒަފުން ނެތުމުގެ މައްސަލަ އެވެ.
"ކާނުތަކާއި މަގުތައް މެއިންޓެއިން ކުރާ ވާހަކަ ދައްކާއިރު އަޅުގަނޑުމެންގެ ނެތް އެ ވަރުގެ މެޝިނަރީއެއް. މާލޭގެ މަގުތަކުގެ ކުނިނަގަމުން މާލޭގެ ކުނީގެ ކަންތައް ބަލަހައްޓަމުން މިހުރިހާ ކަމެއް ކުރަމުން އަދި ކާނުތައް ގަވާއިދުން ސާފުކުރަން އަޅުގަނޑުމެންގެ ވަސީލަތްތައް ނެތީ. އެ ވަސީލަތްތައް ލިބިގެން މި މައްސަލައަށް ހަލެއް އޮތީ،" އޮފިޝަލް ވިދާޅުވި އެވެ.
މޫސުން ގޯސްވުމާ އެކުލާމެހިގެން އަންނަ ފެންބޮޑުވުމުގެ ދުއްތުރާލުން ސަލާމަތް ވުމަށް ސިޓީ ކައުންސިލަށް ވަސީލަތްތައްވެސް މުހިންމުވެ އެވެ. ސިޓީ ކައުންސިލުން އެހެން މައްސަލަތަކެއް ހުރިކަމަށްވެސް ފާހަގަ ކުރެ އެވެ. އެއީ މާލޭގެ ގޭގެ އިމާރާތް ކުރެވިފައިވާ ގޮތެވެ. ދިޔަދޮވިން އޮހޭ ފެން ސީދާ މަގުމައްޗަށް ދޫކޮށްފައި ބެހެއްޓުމަކީ ގަވާއިދުން މަނާ ކަމެކެވެ.
"އާންމުންގެ ޒިންމާއެއްވެސް އޮވޭ. ސީދާ މަގުމައްޗަށް ފެންގަނޑު ދާގޮތަށް ހުރީމައި އޭގެންވެސް ބޮޑެތި މައްސަލަތައް ނުކުމޭ. މީގައި އާންމުންގެ ޒިންމާއެއްވެސް އޮވޭ،" ކުރިންވެސް ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.
މާލޭގެ މަގުތަކުގައި އެންމެ ގިނައިން ދުއްވަނީ ސައިކަލެވެ. ދެން ގިނައިން އުޅޭނީ ހިނގާފަ އެވެ. އަމިއްލަ ކާރު ފަދަ ވެހިކަލްތައް ހުންނާނީ މަދު މީހެކެވެ. ސައިކަލުތަކަށްވެސް ހިމާޔަތެއް ނެތް ވަރަށް މާލޭގެ މަގުތަކުގައި ފެންހެދުމަކީ ބޮޑު ސީރިއަސް މައްސަލައެކެވެ. ރޭވެސް ފެންހިއްކީ އެންމެ ފަހުން ސިފައިން ނުކުމެ އެވެ. ނަމަވެސް އެއީ ދާއިމީ ހައްލެއް ނޫނެވެ. ފެންބޮޑުވުމުގެ މައްސަލަ އެހެން ލެވަލްއަކަށް ދިޔުމުގެ ކުރިން މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދަންޖެހެ އެވެ. އެއީ އެންމެންގެވެސް ޒިންމާއެއް ކަމުގައި ދެކިގެންނެވެ.