މާލޭގެ އެއް ނަމްބަރު ކުނިކޮށީގައި އަލިފާނުގެ ހާދިސާއެއް އިއްޔެ ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮޕް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ ކުނިކޮށީގައި ރޯވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ 2:00 ޖަހާ އެހާކަންހާއިރު ކަމަށެވެ.

ކުނިކޮށީގައި ރޯވުމުން އެތަނުން ވަރަށް ބޯކޮށް ދުންއަރާފައި ވެއެވެ. ހަނީފް ވިދާޅުވީ ފުލުހުންނަށް އެ މައުލޫމާތު ލިބުމާއި ގުޅިގެން ސިފައިންގެ އެހީތެރިކަމާއެކު ރޯވި އަލިފާންގަނޑު ނިއްވާލާފައިވާކަމަށާއި ކުނިކޮށްޓަކީ އޭގެ ޒާތުގައި އަމިއްލައަށް ރޯވާނެ ތަނެއް ނޫންކަމަށެވެ.

"ކުނިކޮއްޓަކީ އަމިއްލައަށް ރޯވާ ތަނެއް ނޫން. ގަސްދުގައި މީހަކު ރޯކޮށްލީ ނޫންނަމަ މީހަކު އެއްލި އެއްޗެއްގެ ސަބަބުން ރޯވާނީ،" ހަނީފް ވިދާޅުވި އެވެ.

އެތަނުގައި ރޯވުމާ އެކު އަލިފާންގަނޑު ނިންވާލައި އެތަނުގައި ފުނިޖެހިފައި އޮތް ކުނިތައް ތިލަފުއްޓަށް ގެންދިޔުމުގެ މަސައްކަތް ސިފައިންނާއި މާލޭ ސިޓީ ކައުންސިލްގުޅިގެން އަންނަނީ ކުރަމުންނެވެ.

ކުނިކޮށީގައި މީގެކުރިންވެސް ވަނީ އަލިފާނުގެ އެތަނެއް ހާދިސާތަކެއް ހިނގާފަ އެވެ. މިއަހަރުގެ މާޗް 19 ވަނަ ދުވަހު ކުނިކޮށީގައި ރޯކޮށްލި އަލިފާންގަނޑު ބޮޑުވެ އެތާގައި ހުރި ނީލަން ފިހާރަވެސް ވަނީ އަނދާ ހުލިވެފަ އެވެ.