26 Oct 2012, 23:17
މަސްތުވަތަކެތީގެ މައްސަލައެއްގައި ތިން ރަށަކުން ދެ އަންހެނަކާއި ތިން ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ މަސްތުވާތީގެ މައްސަލައެއްގައި މީހުން ހައްޔަރުކޮށްފައި ވަނީ ބ. އަތޮޅާއި އައްޑޫ ސިޓީ އަދި ރ. އަތޮޅުން ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބ. ދޮންފަނުގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ 11 ސެލޯފިން ކޮޅާއިއެކު 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މިމަހުގެ 20 ވަނަ ދުވަހު މާލެއިން ބ. ތުޅާދޫއަށް ލޯންޗެއްގައި ދިޔަ އުމުރުން 24 އަހަރުގެ އަންހެން މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ އޭނާގެ އަތް ދަބަސްތެރެއިން މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ ނުވަ ސެލޯފިންކޮޅު ފެނުމުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގެ މަރަދޫ ފަޅުގެއެއްގެ ތެރޭގައި ބަޔަކު މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހުގެ ހަވީރު އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ފުލުހުން އެ ފަޅުގެ ބަލައި ފާސްކުރި ކަމަށެވެ.
އެ ފަޅުގެ ތެރެ ބަލައި ފާސްކުރި އިރު އެތަނުގައި ތިބި 29 އަހަރާއި 40 އަހަރުގެ ދެ ފިރިހެނުން ހަށިގަނޑު ޗެކްކުރި އިރުު މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ 20 ރަބަރު ޕެކެޓާއި ސެލޯފިން ކޮޅެއްގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ އާލާތްތަކެއް ފެނިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދެ މީހުން ގަން ޕޮލިސް ސްޓޭޝަނަށް ގެންގޮސް ކުޑަކަމުދާތަކެތި ޓެސްޓް ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ އޯޕިއޭޓްސްއަށް ޕޮޒިޓިވް ވެފައިވާކަމަށެވެ.
މީގެ އިތުރުން އިއްޔެ ރ. މީދޫއަށް ބަނދަރު ކުރި ބޯޓެއް ބަލައި ފާސްކުރި އިރު އެ ބޯޓުގައި ހުރި 20 އަހަރުގެ އަންހެނެއްގެ އަތުން މަސްތުވާތަކެތި އަޅާފައި ހުރިކަމަށް ބެލެވޭ ހަތް ސެލޯފިން ކޮޅާއި ޕެކެޓެއް ފެނިފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. އެ އަންހެން މީހާ ހައްޔަރު ކުރުމަށް ފަހު މިހާރު ހުރީ އެއަތޮޅު އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.