26 Oct 2012, 20:43
ދ. އަތޮޅުން: މުރުޝިދު އަބްދުލްހަކީމް
ފ. އަތޮޅާއި ދ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްފައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ފުރާވަޑައުގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިރޭ ވިދާޅުވީ އީދު ބަންދުގެ ތެރޭގައި ރައީސް އެ ދެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ފުރަތަމަ ވަޑައިގަތީ ފ. ނިލަންދު އަށް ކަމަށާއި މިރޭ އެ މަނިކުފާން މަޑުކުރައްވަނީ އެ ރަށުގައި ކަމަށާއި ދ. އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ކަމަށެވެ.
އަދި ވިދާޅުވީ ރައީސް މާދަމާ ހެނދުނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ މި އަތޮޅު ބަނޑިދު އަށް ކަމަށެވެ. އަދި މަދާމާގެ މެންދުރުގެ ވަގުތެއްގައި މި އަތޮޅު މީދު އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ދ. އަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށަކަށް ރައީސް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު އެމަނިކުފާނު މާލެ ވަޑައިގަންނަވާނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ.
ރައީސް ވަހީދުގެ މި ދަތުރުފުޅުގައި ބައެއް ވަޒީރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ބައިވެވަޑައިގަންނަވާނެ ކަމަށް މަސްދަރުތައް ބުނެ އެވެ.
އައްބާސް ވިދާޅުވީ ރައީސްގެ ދަތުރުފުޅުގައި ރަށް ރަށުގެ ކައުންސިލްތަކާ ބައްދަލު ކުރެއްވުމުގެ އިތުރުން ރަށްުތަކުގައި ކުރިއަށްދާ އީދު ކުޅިވަރުތައް ވެސް ރައީސް ބައްލަވައިލައްވާނެ ކަމަށެވެ.