14 Sep 2010, 13:32
ސަރުކާރުގެ 100 ޕަސެންޓް ޙިއްޞާވާ ހޯލްޑިން ކުންފުންޏެއް އުފައްދައި، މިހާރު ސަރުކާރުގެ ވިޔަފާރިކުރާ ހުރިހާ ކުންފުނިތަކެއް އެ ކުންފުނީގެ ދަށަށް ބަދަލުކުރާ ގޮތަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމި އިރު، ސަރުކާރު ޙިއްޞާވާ 46 ކުންފުނި އުފެދިފައިވެ އެވެ. އޭގެ ތެރޭގައި، 33 ކުންފުންޏަކީ ސަރުކާރު ސަތޭކަ އިންސައްތަ ޙިއްޞާވާ ކުންފުނިތަކެވެ.
މި ގޮތަށް ނިންމެވީ، ރައީސް އޮފީހުން ބުނި ގޮތުގައި، އެ މަޖިލީހުގެ ޖަލްސާގައި ހޯލްޑިންގ ކުންފުންޏެއް އުފެއްދެވުމާ ބެހޭ ގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ތައްޔާރު ކުރި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.
މި ހޯލްޑިން ކުންފުނި އުފައްދަވައި ހިންގާނީ ލިމިޓެޑް ލައިބިލިޓީ ކުންފުނިތަކާ އެއްގޮތަށް ރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނުގެ ދަށުން ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. އަދި އެފަދަ ކުންފުނިތަކުން އެހެން ޤައުމުތަކުގައި ވެސް ސަރުކާރުގެ ވިޔަފާރިކުރާ ތަންތަން ބަލަހައްޓާ އުޞޫލުން ރާއްޖޭގައި ވެސް މިމަސައްކަތް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ބައްޓަން ކުރުމަށްޓަކައި ސިންގަޕޫރުގެ ތަމަސަކް ހޯލްޑިން ކުންފުންޏާއި، މެލޭޝިޔާގެ ޚަޒާނާ ހޯލްޑިންގ ބަރްހާދު ހިންގާ އުޞޫލުތަކަށް ރިޢާޔަތްކޮށްގެން، ރާއްޖޭގެ ޙާލަތާއި މާޙައުލާ ގުޅޭގޮތަށް އެ ކުންފުނި ހިންގެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް އޮފީހުން ބުނީ، ރާއްޖޭގައި ސަރުކާރުގެ ވިޔަފާރިކުރާ ތަންތަން އުފެދިގެން އައިސްފައި ވަނީ، ރައްޔިތުންނަށް އަސާސީ ޚިދްމަތްދޭ ސަރުކާރުގެ އިދާރާތަކެއްގެ ގޮތުގައި ކަމަށް ވީ ނަމަވެސް، މިހާރުގެ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ގިނަ ތަންތަން މިހާރުވަނީ ކޯޕަރަޓައިޒްކޮށް، ވަކިވަކި ކުންފުނިތަކަކަށް ބަދަލުކުރެވިފަކަމަށެވެ. އެހެންކަމުން، ދެން އޮތް މަރްޙަލާއަކީ، އަމިއްލަ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް، އެ ފަރާތްތަކަށް ޙިއްޞާ ވިއްކައިގެން، ކުންފުނިތައް ޕްރައިވަޓައިޒް ކުރުންކަން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ނޭޝަނަލް އިލެކްޓްރިކް ގްރިޑެއް ފަރުމާކޮށް ހިންގުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުން މަޝްރޫޢު އެކުލަވައިލެއްވުމަށް ވެސް ވަނީ ނިންމަވައިފަ އެވެ. އެގޮތަށް ނިންމެވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަނަރޭޓަރ ބަހައްޓައިގެން ކަރަންޓް ދިނުމުގެ ބަދަލުގައި، ކޭބަލް ގުޅާލައިގެން އިންޖީނު މަދުކޮށްގެން އަދި އިކޮނޮމީ އޮފް ސްކޭލް ހޯދައިގެން ހިންގުމުން، މިހާރަށް ވުރެ ހެޔޮ އަގެއްގައި ޢާންމުންނަށް ކަރަންޓް ދެވިދާނެ ކަމަށް ވަޒީރުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.