26 Oct 2012, 14:32
ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ގިނަ ދުވަސްތަކެއްވެފައިވާ ފަރާތްތަކާ އެއްކޮށް ސަރުކާރުން އެއްވެސް މުއާމަލާތެއް ނުކުރުމަށް ނިންމައިފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާ އާއި ސަރުކާރުގެ މިނިސްޓްރީތަކާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު މީރާއިން ވަނީ ދައުލަތަށް ފައިސާ ނުދައްކާ ފަރާތްތަކާ މެދު އަމަލުކުރާނެ އުސޫލެއް އެކުލަވާލައި އެ އޮތޯރިޓީގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ އެ އުސޫލުގެ ދަށުން އުސޫލަށް އަމަލުކުރަން ފަށާތާ 50 ދުވަހުގެ ތެރޭގައި ދައުލަތުގެ އެއްވެސް އިދާރާއަކަށް ދައްކަން ޖެހިފައިވާ ފައިސާއެއް ނުދައްކާ ފަރާތްތަކާ މެދު މައިގަނޑު ތިން ފިޔަވަޅެއް އަޅަން ވަނީ ނިންމައިފަ އެވެ. އެގޮތުން އެފަދަ ކުންފުނިތަކަށް ސަރުކާރުގެ އިދާރާތަކުން ހިދުމަތް ދިނުން ވަގުތީގޮތުން މެދުކަނޑާލުމާއި ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކުރުން މެދުކަޑާލުމާއި އަދި ބީލަމުގެ އުސޫލުން އެއްވެސް ކޮންޓްރެކްޓެއް ދިނުންވެސް ވަގުތީ ގޮތުން ހުއްޓާލާނެ އެވެ.
ކުންފުނިތަކާ މެދު ފިޔަވަޅު އަޅާނެ މިނިސްޓްރީ ތަކަކީ އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީންނެވެ. މާލޭ ސިޓީ ކައުންސިލާއި ކަސްޓަމްސް އަދި އިމިގްރޭޝަނުންވެސް އެފަދަ ކުންފުނިތަކާ މެދު ފިޔަވަޅު އަޅާނެ އެވެ.
ފައިސާ ނުދައްކައިފިނަމަ ފިޔަވަޅު އެޅޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވާ ކުންފުނިތަކަކީ ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކޮށް އަދި މުދާ އިމްޕޯޓް ކޮށްގެން ވިއްކާ ފަރާތްތަކާއި ރެސްޓޯރަންޓް ކެފޭ އަދި ސައިހޮޓާ، ޓޫރިސްޓް ރިސޯޓް ތަކާއި ހޮޓާތައް އެކި ބޭނުމަށް ދޫކޮށްފައިވާ ފަޅު ރަށްތަކާއި ސިއްހީ ބޭނުމަށް ދޫކޮށްފައިވާ ބިންބިމާއި ތަންތަން ކުއްޔަށް ހިފާ އަދި ހިންގާ ފަރާތްތައް ހިމެނެ އެވެ.
އެ އުސޫލުގައި ބުނާ 50 ދުވަސް ހަމަވެ، ފައިސާ ނުދައްކާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅަން ފަށާނީ އަންނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މީރާއިން މިހާރުވެސް އަންނަނީ ޓެކްސް ނުދައްކާ ފަރާތްތަކާ ދެކޮޅަށް ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ.
އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން އޮގަސްޓް މަހުގެ ނިޔަލަށް 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނުދައްކާ ހުރިކަން ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެގޮތުން އެންމެ ގިނަ ފައިސާ ދައުލަތަށް ނުދައްކާ ވަނީ ޓޫރިސްޓް ރިސޯޓްތަކުންނެވެ.