26 Oct 2012, 11:08
ގާނޫނު އަސާސީ އާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުން ކުރަމުން ގެންދާ މަސައްކަތްތައް އަމިއްލައަށް ހުއްޓާނުލާފި ނަމަ މަޖިލިސް ހަމަ މަގަށް އަޅުވަން ޝަރުއީ ނިޒާމުގެ ތެރެއިން ސަރުކާރަށް ލިބިފައިވާ ހުރިހާ ބާރެއްގެ ބޭނުން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެ އެވެ.
ރޭ ދިޓީވީގައި ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ ބައެއް ކަންތައްތަކަކީ ސަރުކާރުން އެކަމާ އަޅާނުލައި ކަނު ލޮލެއް ދީގެން ތިބޭނެ ކަންތައްތަކެއް ނޫން ކަމަށާއި، ރައްޔިތުންގެ މަޖިލީސް ކަމަށްވިޔަސް އަދި ދައުލަތުގެ އެހެން މުއައްސަސާއެއް ވިޔަސް ގާނޫނު ތަކާއި ގަވާއިދު ތަކާއި ޚިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އެގޮތުން އައްބާސް ވިދާޅުވީ މަޖިލީހުގެ އާއްމު ކޮމެޓީން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ނެގޭ އިތުބާރު ނެތްކަމުގެ ވޯޓަކީ ސިއްރު އެއްޗެއްގެ ގޮތުގައި ނިންމި ނިންމުމަކީވެސް ގާނޫނު އަސާސީއާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
"ރައީސުލް ޖުމްހޫރިއްޔާ އާއި ނައިބުގެ ވޯޓު ނަގާނީ ސިއްރު ވޯޓެއްގެ ގޮތުގައި ކަމަށް ނިންމާފައި އޮތް ނިންމުމަކީ ސައްހަ ނިންމުމެއް ނޫން. އެގޮތަކަށް ގާނޫނު އަސާސީގައި ފަރަގު ކުރުމެއް ނުގެނެވޭނެ. ގާނޫނު އަސާސީގައިވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވެސް ވަރަށް ސާފުކޮށް އެބަބުނޭ ވަކި ގޮތަކަށް ސިއްރު ވޯޓެއްގެ ގޮތުގައި ކަނޑައާޅާފައި އޮތް ވޯޓެއް ނޫން އެހެން ވޯޓެއް ނަގާނަމަ ނަގަންވާނީ އާއްމު ވޯޓެއްގެ ގޮތުގައި ކަމަށް،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައްޗަށްވެސް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގީ އާއްމު ވޯޓެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް ރައީސުލްޖުމުހޫރިއްޔާ އާއި ވަޒީރެއްގެ ވޯޓެއް ނަގަންވީމައި ގަވާއިދު ބަދަލުކޮށް ސިއްރު ވޯޓަކަށް ހެދުމަކީ ސަރުކާރުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެ ނިންމުމާ ދެކޮޅަށް ސަރުކާރުން ވަކާލާތު ކުރަނީ މަޖިލީހުގެ ކޮމެޓީތައް ހިނގަން ޖެހޭ ގަވާއިދާއި ހިލާފަށް އެކަން ދާތީ ކަމަށެވެ.
އެ ނިންމުން ނިންމީ ކޮމެޓީގެ ހިންގުމާ ބެހޭ ގަވާއިދާ ޚިލާފަށް ގިނަ މެމްބަރުންތަކެއް ރަށުގައިވެސް ނެތް ވަގުތެއްގައި އެ ވަގުތުގެ ބޭނުން ހިފައިގެން ކަމަށް އައްބާސް ވިދާޅުވި އެވެ. އެއީ ގާނޫނުގެ ބާރުކަޑުވާލަން ނިންމި ނިންމުމެއް ކަމަށްވެސް އޭނާ ސިފަކުރެއްވި އެވެ.
"ރައްޔިތުންގެ މަޖިލިސް ވިޔަސް، އެހެން މުއައްސަސާއެއް ކަމަށްވިޔަސް ހިންގަންވާނި މަގުސަދު ނުގެއްލޭ ގޮތަށް. އަނދިރި ބާރު ތަކެއްގެ ބޭނުން ކޮށްގެން އެ ފަރާތްތަކުގެ ހިޔަނީގައި ތިބެގެން ގާނޫނާ ޚިލާފު އެއްވެސް ކަމެއްކުރާކަށް ދުލެއް ނުކުރާނަން،" އައްބާސް ވިދާޅުވި އެވެ.
މަޖިލީހުގައި ނަގައި އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރަން މަޖިލީހުގެ ގަވާއިދަށް އިސްލާހުގެންނަން އާންމު ކޮމެޓީން ނިންމީ މިދިޔަ އަންގާރަދުވަހު އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، ބާރަށު ދާއިރާގެ މެންބަރު މުހަންމަދު ޝިފާޒެވެ. އޭނާ އެ އިސްލާހު ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު އެ އިސްލާހު ހުށަހެޅުއްވުމަށް ފަހު އަނބުރާ ގެންދެވުމުންނެވެ.
އެމްޑީޕީން ހުށަހެޅި ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމުގެ ވޯޓުގެ މައްސަލަ އަދި އެޖެންޑާކޮށްފައި ނުވާއިރު ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހަށް މިހާރު އެޖެންޑާކޮށްފަ އެވެ.
މިހާރު އޮންނަ އުސޫލުގެ ދަށުން އެ ވޯޓުތައް ނަގާނީ އާންމުކޮށް ވެސް މަޖިލީހުގައި ވޯޓަށް އަހާ އުސޫލުން ހާމަކޮށެވެ. މިނިސްޓަރުންނާއި އެހެންވެސް މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މައްޗަށް ވެސް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހެނީ އާންމުކޮށް ހުޅުވާލައިގެންނެވެ. އަދި އެ ތަފްސީލްތައް މަޖިލީހުގެ ވެބް ސައިޓުގައިވެސް ޝާއިއުކުރެ އެވެ.