އީދު ނަމާދު ނިމުމާ އެކު ހެންވޭރު އެއް ނަމްބަރު ކުނިކޮށި ކައިރީގައި ހުންނަ ގައު ކޮށްޓަށް މީހުން ޖަމާވާން ފަށައިފި އެވެ. ގޭޓުން އެތެރެއަށް ވަތް އިރު ވެސް ބަކަރީގެ ގޮވުމުގެ އަޑު އިވެ އެވެ. މީހުން އެތަނަށް ޖަމާވަމުން ދިޔައީ އުސްހިޔާ ކަތިލިމުގެ މަންޒަރު ބަލާށެވެ. އުފާވެރި އިދާއި ގުޅިގެން އަންނަ އެ އަޅުކަމުގައި ބައިވެރިވުމުގެ އުފާ ހާސިލްކުރާށެވެ. އެ ސަރަހައްދަކީ އުލްހިޔާ ކަތިލުމުގެ އިންތިޒާމްތައް އިސްލާމިކް ފައުންޑޭޝަނުން ހަމަޖައްސާފައިވާ ތަނެވެ.

ދިވެހިނަށް އައު ނަމަވެސް އަލްހާ އީދު (ބޮޑު އީދާ) ދިމާކޮށް އުލްހިޔާކަތިލުމަކީ އިސްލާމީ ގިނަ ގައުމުތަކުގައި ކުރާކަމެކެވެ. ދިވެހިންގެ ތެރެއިން އެ އާދަވަނީ މުޅިންހެން ފުހެވިފަ އެވެ. ނަމަވެސް މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އުލްހިޔާ ކަތިލުމުގެ ފޯރި ދިވެހިންގެ ތެރޭގައި އަންނަނީ ގަދަވަމުންނެވެ.

ކާކޮށީގެ އިތުރުން މާލޭގެ ހަތަރު ދިމާލެއްގައި ބަކަރި ކަތިލުމުގެ އިންތިޒާމްތައް އެކި ފަރާތްތަކުން ހަމަޖައްސާފައިވާއިރު އެ ސަރަހައްދުތަކައްވެސް ގިނަ އަދަދެއްގެ ބަޔަކު ދިޔައީ ޖަމާވަމުންނެވެ. އެގޮތުން ތައިސޭކޮއްޓާއި، އީދުގެ ބޮޑު ޖަމާއަތް ބޭއްވި ސަރަހައްދު ސްޓޭޑިއަމް ސަރަހައްދު އަދި ހެންވޭރުކޮޅުގައިވެސް ބަކަރި ކަތިލުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސައިފަ އެވެ.
"މިދިޔަ އަހަރު އަޅުގަނޑުމެން 80 ބަކަރި، ކަތިލީ ނަމަވެސް މިފަހަރު އަދަދު މިވަނީ 175 އުފުލިފައި،" އިސްލާމިކް ފައުންޑޭޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.

އަހަރުން އަހަރަށް އުލްހިޔާ ކަތިލުމުގެ ފޯރި އިތުރުވެ އެ ސުންނަތް ދިރެމުން އަންނަ އިރު އިސްލާމިކް ފައުންޑޭޝަން އޮފިޝަލް ވިދާޅުވީ ދެ ގޮތަކަށް ބަކަރި ކަތިލުމުގެ އިންތިޒާމްތައް ހަމަޖައްސައިދޭ ކަމަށެވެ. އެއީ ބަކަރި ގަނެގެން ގެނެސް އިސްލާމިކް ފައުންޑޭޝަނާއި ހަވާލުކުރުމުން އެ ކަތިލާ ނޮޅުމުގެ އިންތިޒާމް ހަމަޖެއްސުމެވެ. އަނެއް ގޮތަކީ އިސްލާމިކް ފައުންޑޭޝަނުން ބަކަރި ހޯދައިދީ އެ މަސައްކަތް ކޮށްދިނުމެވެ.

"މާލެ ކުޑަތަނަކަށް ވުމާއި އެކު އުލްހިޔާ ކަތިލަން ބޭނުންވާ މީހާއަށްވެސް އެ އިންތިޒާމެއް ނޯވޭ ހަމަޖެއްސޭކަށް. ނަމަވެސް އަޅުގަނޑުމެން މި އިންތިޒާމް ހަމަޖައްސާލަދެނީ. އެ ސުންނަތް ދިރުވުން އަޅުގަނޑުމެންގެ އަމާޒަކީ،" ކުރިންވެސް ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

ބަކަރިތައް ކަތިލާ ވަގުތަކީ އެއްވެފައިވާ އެތައް ބަޔަކަށް ހާއްސަ އަދި މަޖާ ވަގުތުކޮޅެކެވެ. އެކަކު އަނެކަކު ކޮޑަށް އަރައިގެން ނަމަވެސް އެ މަންޒަރު ބަލަން މީހުން ފިތި ބާރުވެ އެވެ. ފޮޓޯ ނެގުމާއި އެ މަންޒަރު ބެލުމަށް ދިވެހިން ހާއްސަ ސަމާލުކަންދެ އެވެ. އެއްބަޔަކު ބަކަރި ކަތިލުމަށް ފަހު އޭގެ މަސް ސޮދަގާތް ކުރާއިރު އެއްބަޔަކު ބަކަރި މަސް ގެންދަނީގެ އަށެވެ. އެ ދެގޮތުން ކުރެ ކޮންމެ ގޮތަކަށްވެސް އެކަން ކުރުމަށް އޮންނަނީ ދޫކޮށްލައިފަ އެވެ.

"އެއްބަޔަކު ގެޔަށް. އަނެއް ބަޔަކު ސޮދަގާތް ކުރާނެ. ސޮދަގާތް ކުރާ މީހުންނަށް އެ އިންތިޒާމްވެސް ހަމަޖައްސަދެން. ޖަމްއިއްޔާގެ ފަރާތުން ކަތިލާ ބަކަރިތަކުގެ މަހާއި އެކު ބާއްވާ ބޮޑިބަތް ހަފްލާއެއް އަޅުގަނޑުމެން ބާއްވަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އުލްހިޔާކަތިލުމުގެ އާދަ ދިވެހިންގެ ތެރޭގައި ފަޑުނަމަވެސް އެކަމަށް ދިވެހިން ހިފާފައިވާ ފޯރި މިއަދު ގަދަ އެވެ. މާކެޓްގައި ބޮޑު އަގުގައި ހުންނަ ބަކަރި ގަނެގެންވެސް އުލްހިޔާ ކަތިލުމަކީ ވަރަށް ގިނަ އާއިލާތަކެއްގެ އުފަލަކަށް އޮންނަނީވެފަ އެވެ. ފަނޑުވެ ނެތެމުން ދިޔަ ސުންނަތް އަލުން ދިރި އެކަމަށް ދިވެހިންގެ ތެރޭގައި އަންނަނީ އަނެއްކާވެސް ފޯރިހިފަމުންނެވެ.