މިއަދު ފެށުނު ބޮޑު އީދު ބަންދަށް ދިވެހި ލީގާއި ގައުމީ ފުޓްބޯޅަ ޗެމްޕިއަން އއ. ތޮއްޑޫ އާއި ރަސްދު އަށް ހިނގައްޖެ އެވެ.

މި ދެ ރަށަކީ ނިއުގެ ޗެއާމަން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ތަމްސީލު ކުރައްވާ ދެ ރަށެވެ.

ނިއުގެ މި ދަތުރުގައި މިއަދު ހަވީރު ތޮއްޑޫން ހޮވާލެވޭ ޓީމަކާއެކު ރަހުމަތްތެރިކަމުގެ މެޗެއްް ކުޅޭނެ އެވެ. އަދި މާދަމާ ހަވީރު ރަސްދޫ ޓީމަކާ އެކު ވެސް މެޗެއް ކުޅޭނެ އެވެ. އަންނަ އަހަރުގެ ސީޒަނަށް ނިއުއާ އަލަށް ގުޅުނު ބައެއް ކުޅުންތެރިން މި ދެ މެޗުގައި ކުޅޭނެ އެވެ.

ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ކީޕަރު އިމްރާން މުހައްމަދު ހިމެނޭ ނިއު އަށް އަންނަ އަހަރު ކުޅެދިނުމަށް މި ސީޒަނުގެ ޓޮފް ސްކޯރަރު ވިކްޓަރީގެ މުހައްމަދު އުމޭރާއި އެ ޓީމުގެ ރިލްވާން ވަހީދު (ރިލޭ) އާއި ވީބީގެ ކެޕްޓަން އަސްއަދު އަލީ (އަޑުބަރޭ) އާއި އޭވިއެލްގެ މޫސާ ޔާމީން އާއި މާޒިޔާގެ ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) ވަނީ ގެންގޮސްފަ އެވެ.