މިނާ (އޮކްޓޯބަރ 26): ޙައްޖުވެރިން މިއަދު ހެނދުނު އަލުން މިނާއަށް ގޮސް އުޟްޙިޔާ ކަތިލައި ނަޙްރުކުރުމުގެ ކަންތައް ކުރިޔަށް ގެންދާނެ ކަމަށް ޚަބަރު ލިބެ އެވެ.

އަލްޖަޒީރާ ބުނާގޮތުގައި ރޭގައި ޙައްޖުވެރިން ތިބީ މުޒަދަލިފާގަ އެވެ. އަދި ރޭގެ ފަތިސްނަމާދަށް ފަހު ޙައްޖުވެރިން މިނާއަށް ދަނީ މިއަދަކީ ބަރަކާތްތެރި އަޟްޙާ ޢީދުދުވަސް ކަމުގައިވާތީ އެވެ. އެންމެފަހުގެ ޚަބަރުތައް ބުނާގޮތުން ޙައްޖުވެރިން މިހާރުތިބީ މިނާގަ އެވެ. މިނާގައި އުޝްޙިޔާ ކަތިލުމުގެ ކަންތަކަށް ފަހު ޖަމްރާތަކަށް ހިލައުކުމާގެން ޙައްޖުވެރިން ކުރިޔަށް ގެންދާނެ އެވެ. އެއަށް ފަހު ބޯބޭލުން ނުވަތަ ބޯކޮށުމާއި ސަފާއާއި މަރްވާއާއި ދެމެދު ހިނގުމާއި ތަވާފުލްއިފާޟާގެ ކަންތައް ވެސް ހައްޖުވެރިން ކުރިޔަށް ގެންދާނެ އެވެ. ޙައްޖުގެ ކަންތައްތަކާބެހޭ ސަޢޫދީ އިދާރާތައް ބުނާގޮތުން މިއަހަރުގެ ޙައްޖުގެ ތެރޭގައި ފާހަގަކުރެވޭ ފަދަ ބޮޑު އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވެ އެވެ. ކުރިޔަށްއޮތް އައްޔާމުއްތަޝްރީޤުގެ ތިންދުވަހުގައިވެސް ޙައްޖުވެރިންގެ ގިނަބަޔަކު ދެމިތިބޭނީ ޖަމްރާތަކަށް ހިލައުކުމުގެ ކަންތަކުގައެވެ. ވަދާޢުގެ ތަވާފްކުރާނީ އެއަށްފަހުގަ އެވެ. ވަދާޢުގެ ތަވާފަކީ ޙައްޖުގެ އަޅުކަމުގެ ނިމުމެވެ.

ޙައްޖުވެރިން އިއްޔެ ތިބީ ޢަރަފާތު ބިމުގަ އެވެ. ޢަރަފާތުގެ ބިމަށް އެއްވެފައިވާ ހައްޖުވެރިންނާ މުޚާތަބުކުރައްވައި އިސްލާމީ ދުނިޔޭގެ އެއްބައިވަންތަ ކަމަށާއި ވަޙްދަތަށް ގޮވާލައްވައިފި އެވެ. ޢަރަފާތުގެ މަސްޖިދުއްނަމިރާގައި ސަޢޫދީ މުފްތީ އައްޝައިޚް ޢަބްދުލްޢަޒީޒް އާލުއްޝައިޚް މިއަދު ދެއްވި ޢަރަފާތުގެ ޚުތްބާގައި މުސްލިމުންނަށާއި އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މާއްދީ އަދި ރޫޙާނީ ތަފާތު މައްސަލަތަކުގެ މައްޗަށް ބައްލަވާލެއްވި އެވެ. (އަލްޖަޒީރާ)