14 Sep 2010, 12:40
ވިލިނގިލީގެ ހުޅަނގުން އޮންނަ ގުޅީ ފަޅު ހިއްކައި ތަރައްގީ ކުރުމަށް އިނގިރޭސި ވިލާތުގެ ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ލިމިޓެޑަށް 35 އަހަރަށް ކުއްޔަށްދީ މަސައްކަތް ފަށައިފި އެވެ.
ގުޅީފަޅު ތަރައްގީ ކުރުމަށް އިނގިރޭސި ކުންފުންޏަކާ ހަވާލު ކުރީ، 100 ޕަސެންޓް ސަރުކާރުގެ ކުންފުނި ގުޅީފަޅު އިންޑަސްޓްރީއަލް ޒޯން ލިމިޓެޑުންނެވެ.
ގުޅީފަޅު އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ބޯޑް މެންބަރު ޝަހުދީ އަންވަރު މިއަދު ވިދާޅުވީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ މަޝްރޫއުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިމޭއިރު ތަރައްގީ ކުރެވޭނީ މައިގަނޑު ގޮތެއްގައި ގުދަންތަކެއް ކަމަށާއި އެ ތަނުގައި ގުދަން ކުރާ ސާމާނުތައް މާލެ ގެނައުމުގެ ލޮޖިސްޓިކްސް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ނެދަލަންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މަޝްރޫއުގެ ހަތަރު ފިޔަވަހީގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައި ވަނީ 2016ގެ ނިޔަލަށެވެ. ފުރަތަމަ ފިޔަވަހީގެ ގުދަންތަކުގެ އިތުރަށް ދެ ވަނަ ފިޔަވަހީގައި ހިމެނޭނީ ބިދޭސީ މަސައްކަތު މީހުން ތިބުމަށް ހާއްސަ ކުރެވޭ ލޭބާ ހޮސްޓެލްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ތިން ވަނަ ފިޔަވަހީގައި، ގުޅީފަޅުގެ ވިލިނގިއްޔާވީ ފަރާތުގައި ސޯޝަލް ހައުސިން ގާއިމު ކުރެވޭނެ ކަމަށް ވެސް މަޝްރޫއުގައި ކަނޑައަޅާފައިވެ އެވެ.
ގުޅީފަޅު އިންޑަސްޓްރިއަލް ޒޯނުން ބުނި ގޮތުގައި މިހާރު މަޝްވަރާ ކުރެވެނީ، މުޅި މަޝްރޫއު މީގެ ހަ އަހަރު ފަހުން ނިމުމުގެ ކުރިން ގުޅީފަޅާއި ވިލިނގިއްޔާ ދޭތެރޭ އިންނަ ކުޑަ ކަނޑުއުޅި ހުރަސްކޮށް ބްރީޖެއް އަޅައި ވިލިނގިއްޔާ ގުޅާލުމަށެވެ.
ގުޅީފަޅު ޕްރެޖެކްޓަކީ ކުރީގެ ސަރުކާރުން ފެށިގެން ހިންގުމަށް ކަނޑައަޅައި ވާހަކަ ދައްކަމުން އަންނަ މަޝްރޫއު އެކެވެ. ނަމަވެސް ޝަހުދީ ވިދާޅުވީ މިހާރު ޕްރޮޖެކްޓަށް ބަދަލުތަކެއް އައިސްފައިވާނެ ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ ކުރިން އެތަނުގައި ތަރައްގީކުރުމަށް ކަނޑައަޅާފައި އޮތް ސީ ޕޯޓް މިހާރު ބޭއްވުމަށް މި ސަރުކާރުން ވިސްނަނީ ތިލަފުށީގައި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އިނގިރޭސިން ބައިވެރިވާ ކުންފުންޏާ މަސައްކަތް ހަވާލުކުރެއްވީ އަލަށް ބީލަމަށް ލައްވައިގެން ނޫން ކަމަށެވެ.
ޝަހުދީ ވިދާޅުވި ގޮތުގައި އނގިރޭސި ކުންފުނި، ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސުން ގުޅީފަޅު ތަރައްގީ ކުރަނީ ބޮސްކާލިސް އިންޓަނޭޝަނަލްގެ ވެސް ހިއްސާ އޮވެގެންނެވެ.
ގުޅީފަޅު ތަރައްގީ ކުރުމަށް ބޭރުގެ ކޮންސޯޓިއަމަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ މައްސަލަ، ފައިނޭންސް މިނިސްޓަރަކަށް މުހަންމަދު ޖަލީލު ހުންނެވި އިރު، ކުރީގެ ސަރުކާރުން ވަރަށް ބާރަށް ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ އެކަން ވަނީ ކުރެވޭ ގޮތް ނުވެފަ އެވެ.
ގުޅީފަޅާ ބެހޭ މަސައްކަތް ރައީސް މުޙަންމަދު ނަޝީދު އިއްޔެ ވަނީ ބައްލަވާލައްވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ބިން ހިއްކުމަށް ބޭނުންކުރާ ބޯޓަކީ ބޮސްކާލީސް ކުންފުނިން ގެންގުޅޭ މިފަދަ އެންމެބޮޑު ބޯޓެވެ. އަދި މިއީ ދުނިޔޭގައި ވެސް ބަނދެފައިވާ މިފަދަ އެންމެ ބޮޑެތި ބޯޓުތަކުގެ ތެރޭގައި ހިމެނޭ އެއް ބޯޓެވެ. އެ ބޯޓުން ދުވާލަކު ދެ ހެކްޓަރު، ނުވަތަ ގާތްގަނޑަކަށް ހަތަރު ބޯޅަދަނޑަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކުމުގެ ފަންނީ ޤާބިލުކަން ލިބިގެންވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.