ބޮލީވުޑުގެ ކުރީގެ އެކްޓްރެސްއެއް ކަމުގައިވާ އަދި ބޮލީވުޑުގެ މަޝްހޫރު އެކްޓަރ ސައިފް ޢަލީ ޚާންގެ މަންމަ ޝަރްމީލާ ޓޭގޯރ އަށް ޝަރަފުވެރިކަމުގެ ޕީ.އެޗް.ޑީއެއް ލިބިއްޖެއެވެ. އިންޑިޔާގެ ފިލްމީ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކޮށް، ޝަރްމީލާ ޓޭގޯރ އަށް ޑޮކްޓަރޭޓް އޮފް އާޓްސްގެ ޝަރަފުވެރިކަމުގެ ޕީ.އެޗް.ޑީ ދީފައިވަނީ އެޑިންބާގް ނޭޕިއަރ ޔުނިވަރސިޓީއިންނެވެ.

އިންޑިޔާ އާއި ބަންގާޅުގެ ގައުމީ ސަލާމް ހެއްދެވި މަޝްހޫރު ޝާއިރު ރަބިންދްރަނާތު ޓޭގޯރގެ ހޫރު ބޮޑުބޭބެ ދަރިކަނބަލުން، ޝަރްމީލާ ޓޭގޯރ އަށް ޝަރަފުވެރިކަމުގެ ޕީ.އެޗް.ޑީ ލިބިފައިވަނީ 25 އޮކްޓޯބަރު 2012 ވީ ބުރާސްފަތި ދުވަހުއެވެ.

"އެޑިންބާގް ނޭޕިއަރ ޔުނިވަރސިޓީން ޝަރަފުވެރިކަމުގެ ޑިގްރީއެއް ލިބުމަކީ ހަގީގައތުގައި ވެސް ވަރަށް ހާއްސަ ކަމެއް. މީގެ ސަބަބުން ދުނިޔޭގައި އިންޑިޔާގެ ފިލްމީ މަސައްކަތްތައް ފާހަގަ ކުރެވެމުންދާ މިންވަރު ވަޒަން ކުރެވިގެން އެބަ ދޭ. އަދި ހިންދުސްތާނީ ފިލްމުތަކުގައި އަހަރެންވީ ކުޑަކުޑަ ހިއްސާގެ އަގު ވަޒަންކުރެވިގެން ދިޔަ މިންވަރު ހާމަވެގެން ހިނގައްޖެ. ހިންދުސްތާނީ ސިނަމާއަށް ސަތޭކަ އަހަރު ފުރުން ފާހަގަ ކުރަމުންދާ މި ދަނޑިވަޅާ ދިމާކޮށް މިފަދަ ޝަރަފެއް ލިބުނީތީ ހަގީގަތުގައި ވެސް ވަރަށް ބޮޑަށް އުފާވެއްޖެ." ޝަރްމީލާ ބުންޏެވެ.

ޝަރްމީލާ ޓޭގޯރ އަށް މި ޝަރަފު ލިބިފައި މިވަނީ، މި ޔުނިވަރސިޓީގެ އިންސްޓިޓިއުޓް ފޯރ ކްރިއޭޓިވް އިންޑަސްޓްރީޒްގެ ފަރާތުން ސްކޮޓިޝް ސެންޓަރ ފޯރ ޓޭގޯރ ސްޓަޑީޒް ގާއިމު ކުރިތާ މާގިނަ ދުވަހެއް ނުވަނީހެވެ. މިއީ އިނގިރޭސި ވިލާތުގައި ގާއިމުކުރެވުނު މިފަދަ ފުރަތަމަ މަރުކަޒެވެ. މި މަރުކަޒުން އިންޑިޔާގެ ސަގާފަތާއި، ފަލްސަފާ އާއި ފަންނާއި އަދަބު ދިރާސާކޮށް ކުރިއަރުވާން މަސައްކަތް ކުރާނެއެވެ. މި ގޮތުން ހާއްސަކޮށް، ނޯބެލްގެ އިނާމު ލިބިވަޑައިގަތް އޭޝިޔާގެ ފުރަތަމަ އަދީބު ރަބިންދްރަނާތު ޓޭގޯރގެ އަދަބީ މަސައްކަތްތައް ދިރާސާ ކުރާނެއެވެ.