Last Updated: 1 decade 3 year ago
އަލިފާން ރޯވެފައި ވަނީ އުނިމާގެ ބައެއް ކަމަށްވާ، ސަން ގޯލްޑްގައި ކަމަށް މައުލޫމާތު ލިބެ އެވެ. އެގެ އަކީ ސަން ޓްރެވަލްގެ މީހުން ދިރިއުޅެމުން އަންނަ ގެ އެކެވެ. ހަތް ބުރިއަށް ހަދާފައި ހުރި އެ ގޭގައި އަލިފާން ރޯވެފައިވަނީ ތިރީގައި ހުރި ގުދަނެއްގައި ކަމަށްވެސް ސަންގެ ނޫސްވެރިން ބުންޏެވެ.
މިރޭ އިރުއޮއްސި 6:45 އެހާކަންހާއިރު އަލިފާން ރޯވެ އަނދާފައި ވަނީ ފަރީދީ މަގު އަޝްރަފީ ބުކްޝޮޕާއި އިންވެގެން ދެބުރިއަށް ހަދާފައި ހުރި ސަންގޯލްޑް ގޭގެ ތިރީގައި ހުރި ގުދަނެއްގަ އެވެ. މަގުމަތިން ވަދެވޭގޮތަށް ހުރި ގުދަނުގައި ރޯވި އަލިފާންގަނޑު ސިފައިންނާއި ފުލުހުންގެ އެހީތެރިކަމާ އެކު ނިއްވާލެވުނީ މިރޭ 8:00 ޖަހާ އެހާކަން ހާއިރު އެވެ.
ސަންޓްރެވަލްގެ ޓްރާންސްޕޯޓް މެނޭޖަރު އަހުމަދު ނަޝީދު މިރޭ ވިދާޅުވީ އަލިފާން ރޯވީ ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ތަނެއްގައި ކަމަށާއި އޭރު އެތަނުގެ ތެރޭގައި އިންޖީނުތަކަކާއި އޭގެ ބައެއް އާލާތްތައް ހުރި ކަމަށެވެ. އަދި އެގޭގެ މަތީގައި ސަންޓްރެވަލްގެ ބައެއް މުވައްޒަފުން އުޅޭ ކަމަށާއި ނަމަވެސް ހާދިސާ ހިނގިގަޑީގައި އެތެރޭގައި މީހަކު ނޫޅޭ ކަމަށެވެ.
ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެ އެވެ.
ނަޝީދު ވިދާޅުވީ ގުދަނުގައި ހުރި ބައެއް ސްޕެއާ ޕާޓްސްތައް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި ނަމަވެސް ގުދަނުގެ އެތެރޭގައި ހުރި ބައެއް އެހެން ތަކެތި ސަލާމަތް ކުރެވުނު ކަމަށެވެ. އަދި އެ ގުދަނަކީ ކުންފުނީގެ އެކި މަސައްކަތްތަކަށް ބޭނުންވާ ސާމާނު ބަހައްޓާފައިވާ ތަނެއް ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް އަދި ރޯވާން ދިމާވި ސަބަބެއް ދަންނަވާކަށް ނޭނގޭ. މި ހާދިސާގައި އެނދީ އެ ގުދަނުގެ އެތެރޭގައި ހުންނާނެ ވަކިން ހަދާފައިހުރި ކުޑަ ސްޓޯ ރޫމެއް. އެ ތަނުގައި ހުރި ހުރިހާ ސާމާނެއް މި އެނދީ. އެކަމަކު ގުދަން ތެރޭގައި ހުރި ތަކެތި ބޭނުން ކުރެވޭނެ. މި ގެއްލުން ހަމަގައިމުވެސް އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެ،" ނަޝީދު ވިދާޅުވި އެވެ.
އަލިފާން ނިންވުމުގެ އޮޕަރޭޝަންގައި އިސްކޮށް އުޅުއްވި އެމްއެންޑީއެފްގެ ލެފްޓިނެންޓް އަހުމަދު ފާއިޒު ސަން އަށް ވިދާޅުވީ އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށާއި، އެ މައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.
އަލިފާން އެންމެ ބޮޑަށް ރޯވި ވަގުތު އެގެއާ އިންވެގެން ހުރި ގޭތަކުގެ މީހުން ބޭރަށް ނެރެ ހުސްކުރި ނަމަވެސް ފަހުން އެ މީހުން އެގެތަކަށް ވަނުމުގެ ހުއްދަ ވަނީ ދީފަ އެވެ.