25 Oct 2012, 17:20
ޢަރަފާތުގެ ބިން (އޮކްޓޯބަރ 25): ޢަރަފާތުގެ ބިމަށް އެއްވެފައިވާ ހައްޖުވެރިންނާ މުޚާތަބުކުރައްވައި ސަޢޫދީ މުފްތީ އައްޝައިޚް ޢަބްދުލްޢަޒީޒް އާލުއްޝައިޚް މިއަދު ދެއްވި ޢަރަފާތުގެ ޚުތްބާގައި އިސްލާމީ ދުނިޔޭގެ އެއްބައިވަންތަ ކަމަށާއި ވަޙްދަތަށް ގޮވާލައްވައިފި އެވެ.
ޢަރަފާތު ބިމުގައިވާ މަސްޖިދުއް ނަމިރާގައި ދެއްވި ޢަރަފާތުގެ ޚުތްބާގައި އާލުއްޝައިޚް ވިދާޅުވީ މުސްލިމް އުންމަތުން މިއަދު ފެންނަމުން ދަނީ މުސްލިމުން ބައިބައިވެ އެމީހުންގެ ތެރޭގައި އެއްބައިވަންތަކަން ގެއްލި ދެބަސްވުމާ އަދި އެންމެފަހުން ލޭއޮހޮރުވާ ހިސާބަށް ވެސް ޚިލާފްތައް ދާ މަންޒަރުކަމުގަ އެވެ. މުސްލިމުންގެ މެދުގައި ޚިޔާލުތަފާތުވާ މައްސަލަތައް މަޝްވަރާގެ މަތިން ވާހަކަދައްކައިގެން ޙައްލުކުރުމަށް އާލުއްޝައިޚް ގޮވާލެއްވި އެވެ. ޢަރަފާތުގެ ޚުތްބާގައި މުސްލިމުންނަށާއި އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މާއްދީ އަދި ރޫޙާނީ ތަފާތު މައްސަލަތަކުގެ މައްޗަށް ވެސް އާލުއްޝައިޚް ކުރުގޮތަކަށް ބައްލަވާލެއްވި އެވެ.
މިގޮތުން ރިބާއާ ދުރުވުމަށާއި ރިބާ އިން އެއްކިބާވެވޭ ފަދަ ގޮތަކަށް އިސްލާމީ އިޤްތިސާދު ބައްޓަން ކުރުމަށާއި އާޚިރަތެކޭ އެއްގޮތަށް ދުނިޔޭގައި ވެސް މުސްލިމުންނަށް އާރާއި ބާރުލިބޭ ގޮތަށް މުސްލިމުންގެ ޢަަމަލުތައް ބައްޓަންކުރުމަށް ގޮވާލެއްވި އެވެ. މިގޮތުން ޚާއްސަކޮށް އިސްލާމީ ހަރުދަނާ އަދި ވަރުގަދަ އިޤްތިސާދެއް ބިނާކުރުމަށް ޝައިޚް ބާރުއެޅުއްވި އެވެ. ޢަރަފާތުގެ ޚުތްބާގައި ޢާލުއްޝައިޚް އިސްލާމީ ޢިލްމުވެރިންނަށް ގޮވާލެއްވީ ދީނުގެ ނަމުގައި ހަރުކަށި ނުވުމަށާއި މެދުމިން އިޚްތިޔާރު ކުރުމަށެެވެ. އަދި މަޒްހަބީ ޚިލާފްތަކަށާއި އިސްލާމީ މުޖްތަމަޢުތައް ފިތްނައިން ރައްކާކުރުމަށް މަސައްކަތް ކުރެއްވުމަށް އިސްލާމީ ދަންނަބޭކަލުން ނަށް ޝައިޚް އިލްތިމާސް ކުރެއްވި އެވެ.
އިސްލާމް ދީނަކީ އޯގާތެރިކަމާއި ރަޙްމަތާއި ފާފަފުއްސެވުމުގެ ދީންކަން ބާޔާންކުރައްވަމުން ގިނަގިނައިން ތަވްބާ ވުމަށާއި ފާފަފުއްސެވުމަށް މާތް ﷲގެ ހަޒްރަތަށް ދެންނެވުމަށް ވެސް މިއަދުގެ ޢަރަފާތުގެ ޚުތްބާގައި ސަޢޫދީ މުފްތީ އައްޝައިޚް ޢަބްދުލްޢަޒީޒް އާލުއްޝައިޚް މުސްލިމުންނަށް ގޮވާލެއްވި އެވެ. ޢަރަފާތުގެ ޚުތްބާއަށް ފަހު ޙައްޖުވެރިން ވަނީ މެންދުރު ނަމާދާއި ޢަސްރު ނަމާދު ޤަސްރުކޮށް އަދި ޖަމްޢުކޮށް ކޮށްފަ އެވެ. (އަލްޢަރަބިއްޔާ)