25 Oct 2012, 17:11
ޤާހިރާ (އޮކްޓޯބަރ 25) : އިސްރާއީލުން ފަލަސްތީނަށް ޙަމަލާދީ ފަލަސްތީނުގެ ރައްޔިތުން މަރަމުން ގެންދިޔުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫންކަމަށް މިސްރުގެ ރައީސް މުޙައްމަދު މުރްސީ ވިދާޅުވެއްޖެއެވެ.
"އިސްލާމް ދީނަށް ގޮވާލުމުގެ ދުވަސް" މިނަމުގައި މިސްރުގެ އަވްޤާފާބެހޭ ވުޒާރާއިން ފާހަގަކުރި މުނާސަތެއްގައި ވާހަކަ ދައްކަވަމުން މުރްސީ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަކީ މިސްރު ރައްޔިތުންގެ ބައެއް ކަމަށާ މިސްރުގެ ރައްޔިތުންނަކީ ފަލަސްތީނު ރައްޔިތުންގެ ބައެއް ކަމުގައެވެ. ފާއިތުވި ދެދުވަހު އިސްރާއީލުން ޣައްޒާއަށް ޢުދުވާނީ ޙަަމަލާދީ ފަލަސްތީނުގެ 4 މީހަކު ޝަހީުކޮށް އިތުރުބަޔަކު ޒަޚަމްކޮށްލާފައިވާ މައްސަަލައަށް އިޝާރާތްކުރައްވަމުން މުރްސީ ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ދޭ ޢުދުވާނީ ޙަމަލާތަކަށް ލޯމަރާލައިގެން މިސްރަށް ނޯވެވޭނެ ކަމުގައެވެ. އަދި ކިތަންމެ ވަރަކަށް ޙަމަލާދިން ނަމަވެސް ފަލަސްތީނުގެ ޙައްޤުތައް ގެއްލުވައިނުލެވޭނެ ކަމަށާ ފަލަސްތީނުގެ މައްސަލައިގެ ޙަޤީޤަތްވެސް ނުފޮރުވޭނެ ކަމަށް މުރްސީ ވިދާޅުވިއެވެ.
އިސްރާއީލުން ޣައްޒާއަށް ޙަމަލާދީ އެތަށްބަޔަކު ޝަހީދުކޮށްލާފައިމިވަނީ ޣައްޒާ އަލުން ބިނާކޮށް އާރާސްތުކުރުމުގެ ބޮޑު ޕްރޮގްރާމެއް ޤަތަރުގެ އަމީރު ޙަމަދް ބިިން ޚަލީފާ ފެއްޓެވިތާ މަދުގަޑީއިރުތަކެއްގެ ތެރޭގައެވެ. ޤަތަރުގެ އަމީރު ވަނީ މިދިޔަ އަންގާރަ ދުވަހު ތާރީޚީ ދަތުރުފުޅެއްގައި ޣައްޒާއަށް ވަޑައިގެން ޣައްޒާއާ ދެކޮޅަށް އިސްރާއީލު އަޅާފައިވާ ހިސާރުގެ ފިޔަވަޅުތަކަށް ގޮންޖައްސަވައި އެފިޔަވަޅުތައް ފޫއަޅުއްވާލައްވާފައެވެ. ޤަތަރުގެ އަމީރުގެ މިދަތުރުފުޅަށް އިސްރާއީލުންވަނީ ނުރުހުން ފާޅުކޮށްފައެވެ.
އިސްރާއީލުގެ ޢުދުވާނަށް ރައްދުދިނުމުގެ ގޮތުން ޙަމާސްގެ މުޖާހިދުންވަނީ އިސްރާއީލަށް ރޮކެޓް ހަމަލާތަކެއްދީ އިސްރާއީލުގެ ދެ މީހަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. އިސްރާއީލުގެ ޙަމަލާތަކުގެ ބޭނުމަކީ އިސްރާއީލުން ތަޅައި ސުންނާފަތިކޮށްފައިވާ ޣައްޒާ އަލުން ބިނާކުރުމަށް ޤަތަރުގެ އަމީރު އިފްތިތާޙް ކުރެއްވި ޕްރޮގްރާމަށް ހުރަސް އެޅުންކަމަށް ޣައްޒާގައި ވެރިކަންކުރާ ހަމާސް ގެ ސަރުކާރުންވަނީ ތުހުމަތުކޮށްފައެވެ. ޤަތަރުން އަމީރު އިފްތިތާޙް ކުރެއްވި ޕްރޮގްރާމަށް 400 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރުމަށް ޤަތަރު ސަރުކާރުންވަނީ ނިންމާފައެވެ. (އަލްޖަޒީރާ)