އީދު ދުވަހާ އެކު ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެ އަށް ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މީޓިއޮރޮލިޖިކަލް ޑިޕާޓްމަންޓުން ބުނެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރަ އަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި ކުރި އަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އެ ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ވަރަށް ބޯކޮށް ވިއްސާރަ ވިލާ ދަނީ ރާއްޖޭގެ ހިސާބަށް އަރަމުން. އެހެން ކަމުން ލަފާކުރެވެނީ ކުރިއަށް އޮތް ތިން ދުވަހު ވެސް ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.

ވާރޭ ވެހެމުންދާ އިރު ގުގުރުން ވެސް އެކަށީގެންވާ ކަމަށާއި އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވައިޖެހެމުން ދަނީ ގަޑިޔަކު ހަ މޭލާއި 16 މޭލުގެ ބާރު މިނުގައި ކަމަށާއި ނަމަވެސް ކަނޑުދަތުރުފަހަރަށް ދަތުރު ނުކުރެވޭ ވަރަށް ގަދަ ނުވާނެ ކަމަށެވެ.

މިދުވަސް ވަރަކީ އީދު ބަންދާ ގުޅިގެން ގިނަ ބަޔަކު ދަތުރުތައް ކުރަމުން އަންނަ ދުވަސްވަރެކެވެ. އަދި އީދާ ގުޅުވައިގެން ތަފާތު ހަރަކާތްތަކެއް ރާއްޖޭގެ އެކި ހިސާބްތަކުގައި އަންނަނީ ހިންގުމުންނެވެ.