ޢަރަފާތުގެ ބިން (އޮކްޓޯބަރ 25) : ޢަރަފާތުގެ ބިމަށް އެއްވެފައިވާ ހައްޖުވެރިންނާ މުޚާތަބުކުރައްވައި ސަޢޫދީ މުފްތީ އައްޝައިޚް ޢަބްދުލްޢަޒީޒް އާލުއްޝައިޚް މިއަދު ދެއްވި ޢަރަފާތުގެ ޚުތްބާގައި އިސްލާމީ ދުނިޔޭގެ އެއްބައިވަންތަ ކަމަށާއި ވަޙްދަތަށް ގޮވާލައްވައިފި އެވެ.

ޢަރަފާތު ބިމުގައިވާ މަސްޖިދުއްނަމިރާގައި ދެއްވި ޢަރަފާތުގެ ޚުތްބާގައި އާލުއްޝައިޚް ވިދާޅުވީ މުސްލިމް އުންމަތުން މިއަދު ފެންނަމުންދަނީ މުސްލިމުން ބައިބައިވެ އެމީހުންގެ ތެރޭގައި އެއްބައިވަންތަކަން ގެއްލި ދެބަސްވުމާ އަދި އެންމެފަހުން ލޭއޮހޮރުވާ ހިސާބަށްވެސް ޚިލާފްތައް ދާ މަންޒަރުކަމަށެވެ. މުސްލިމުންގެ މެދުގައި ޚިޔާލުތަފާތުވާ މައްސަލަތަކަށް މަޝްވަރާގެ މަތިން ވާހަކަދައްކައިގެން ޙައްލުކުރުމަށް އާލުއްޝައިޚް ގޮވާލެއްވި އެވެ. ޢަރަފާތުގެ ޚުތްބާގައި މުސްލިމުންނަށާއި އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މާއްދީ އަދި ރޫޙާނީ ތަފާތު މައްސަލަތަކުގެ މައްޗަށްވެސް އާލުއްޝައިޚް ކުރުގޮތަކަށް ބައްލަވާލެއްވި އެވެ.

މިގޮތުން ރިބާއާ ދުރުވުމަށާއި ރިބާއިން އެއްކިބާވެވޭފަދަ ގޮތަކަށް އިސްލާމީ އިޤްތިސާދު ބައްޓަން ކުރުމަށާއި އާޚިރަތެކޭ އެއްގޮތަށް ދުނިޔޭގައިވެސް މުސްލިމުންނަށް އާރާއި ބާރުލިބޭގޮތަށް މުސްލިމުންގެ ޢަަމަލުތައް ބައްޓަންކުރުމަށް ގޮވާލެއްވި އެވެ. މިގޮތުން ޚާއްސަކޮށް އިސްލާމީ ހަރުދަނާ އަދި ވަރުގަދަ އިޤްތިސާދެއް ބިނާކުރުމަށް ޝައިޚް ބާރުއެޅުއްވި އެވެ. ޢަރަފާތުގެ ޚުތްބާގައި ޢާލުއްޝައިޚް އިސްލާމީ ޢިލްމުވެރިންނަށް ގޮވާލެއްވީ ދީނުގެ ނަމުގައި ހަރުކަށި ނުވުމަށާއި މެދުމިން އިޚްތިޔާރު ކުރުމަށެެވެ. އަދި މަޒްހަބީ ޚިލާފްތަކަށާއި އިސްލާމީ މުޖްތަމަޢުތައް ފިތުނައިން ރައްކާކުރުމަށް މަސައްކަތް ކުރެއްވުމަށް އިސްލާމީ ދަންނަބޭކަލުން ނަށް ޝައިޚް އިލްތިމާސް ކުރެއްވި އެވެ.

އިސްލާމް ދީނަކީ އޯގާތެރިކަމާއި ރަޙްމަތާއި ފާފަފުއްސެވުމުގެ ދީންކަން ބާޔާންކުރައްވަމުން ގިނަގިނައިން ތަވްބާ ވުމަށާއި ފާފަފުއްސެވުމަށް މާތް ﷲ ގެ ހަޒްރަތަށް ދެންނެވުމަށްވެސް މިއަދުގެ ޢަރަފާތުގެ ޚުތްބާގައި ސަޢޫދީ މުފްތީ އައްޝައިޚް ޢަބްދުލްޢަޒީޒް އާލުއްޝައިޚް މުސްލިމުންނަށް ގޮވާލެއްވި އެވެ. ޢަރަފާތުގެ ޚުތްބާއަށްފަހު ޙައްޖުވެރިންވަނީ މެންދުރު ނަމާދާއި ޢަސްރު ނަމާދު ޤަސްރުކޮށް އަދި ޖަމްޢުކޮށް ކޮށްފަ އެވެ. (އަލްޢަރަބިއްޔާ)