25 Oct 2012, 15:52
އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި ޒުވާނަކު 10 އަހަރަށް ޖަލަށް ލުމަށް ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.
ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށްލުމަށް މިދިޔަ އާދީއްތަ ދުވަހު ހުކުމް ކޮށްފައި ވަނީ ސ. ފޭދޫ މަރުޖާނުގޭ ސިދުގީ އިބްރާހިމް 19، ގެ މައްޗަށެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އޯގަސްޓް މަހާއި ޖުލައި މަހުގެ ތެރޭގައި ތަފާތު އެކި ފަހަރުމަތިން އެ އަތޮޅު މަރަދޫ އަންހެން ކުއްޖަކު ދިރިއުޅޭ ގެޔަށް ގޮސް އެ ކުއްޖާ އާ މެދު ޖިންސީ އަމަލު ހިންގާފައިވާކަން އޭނާގެ އަމިއްލަ އިއުތިރާފުން ޝަރީއަތަށް ސާބިތުވާތީ އެވެ. އޭނާ ކުށަށް އިއުތިރާފް ވިއިރު އަންހެން ކުއްޖާއަށް އޭނާ ޖިންސީ ގޯނާ ކުރިކަމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ސާބިތުވާއިރު މެޑިކޯލީގޯ ރިޕޯޓުން ވެސް އެކަން އެނގެން އޮންނަ ކަމަށް ވެސް ފޭދޫ ކޯޓުން ކުރި ހުކުމްގައި ވެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ފޭދޫ ކޯޓަށް ހުށަހެޅީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
ސިދުގީގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ނެވެ.
އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)ގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން މީހަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލައިފި ނަމަ އެކުރަނީ ކުށެއް ކަމަށެވެ. އެ ގާނޫނޫގެ ތިންވަނަ މާއްދާގެ (ނ) ގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.