ޣައިރު ޤާނޫނީ އެއްވުމަކުން އަމަން ނަގާލި ހަތް ބިދޭސީއަކު 2000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ޖޫރިމަނާ ކޮށްފައި ވަނީ ބަންގްލަދޭޝްގެ ހަތް މީހުން ކަމުގައިވާ ހަލީމް 45، އާއި ނަސިރު 33، އާއި އެމްޑީ ސަމީމް 24، އާއި އެމްޑީ ސްމޫން މިއާ 29، އާއި މަތިއަޕް ޝެއިޙް 29، އާއި ޖޮއިނަލް ހޮސައިން 23، ގެ އިތުރުން ޝަހިދު 32، އެވެ.

އެ ހަތް މީހުން ޖޫރިމަނާކުރުމަށް ނައިފަރު ކޯޓުން ހުކުމް ކުރީ ދައުލަތުން އެމީހުންގެ މައްޗަށް ކުރި ޣައިރު ޤާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެ ދައުވާއަށް އެ ހަތް މީހުންވެސް އިއުތިރާފްވެފައިވާތީ އެވެ. އެ މީހުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ އިއްޔެ އިންފެށިގެން 21 ދުވަހުގެ ތެރޭގައި އެ ކޯޓަށް ދައްކައި ހަލާސް ކުރުމަށް ވެސް ނައިފަރު ކޯޓުން ހުކުމް ކޮށްފައި ވެއެވެ.

ދައުލަތުން އެ މީހުންގެ މައްޗަށް އެ ދައުވާ ކުރީ މިއަހަރުގެ އޯގަސްޓް ނުވަ ވަނަ ދުވަހުގެ އިރުއޮއްސެން ކައިރިވެފައި ވަނިކޮށް އެ މީހުން އަމަން އަމާންކަން ނަގާލައި ޅ. ކަނިފުށީގައި މަސައްކަތްކުރާ ތިން މުވައްޒަފެއްގެ ގައިގާ ލަކުޑި އާއި ދަގަނޑު ހޮޅިން ތަޅާ މާރާމާރީ ހިންގާފައިވާތީ އެވެ.