25 Oct 2012, 15:39
ސަރުކާރުގެ ފަރާތުން މަޖިލީހަށް ބަޖެޓް ހުށަހަޅާލެއް ލަސްކަމުން ބަޖެޓް ރަނގަޅަށް ދިރާސާކުރުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހަށް ނުލިބޭ ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި އޮޑިޓާ ޖެނެރަލް ނިޔާޒު އިއްޔެ ވިދާޅުވީ ދައުލަތުގެ ބަޖެޓް ސަރުކާރުން މަޖިލީހަށް ހުށަހަޅަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގައި ކަމަށްވާ އިރު ބަޖެޓް ދިރާސާކުރަން ލިބޭނީ ދެތިން ހަފްތާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމަށް މަޖިލީހުގެ މެންބަރުންނަށް ވަގުތު ވެސް ނުލިބޭ އިރު ބަޖެޓާ ގުޅޭ ގޮތުން ފަންނީ ލަފާ ހޯދަން ޖެހޭ ވަރަށް ނުހޯދޭ ކަމަށެވެ.
"އަޅުގަނޑުމެން ދެކޭގޮތުގައި އެންމެ ލަސްކޮށް ވެސް އޮކްޓޯބަރުގެ ފުރަތަމަ ހަފްތާ ތެރޭގައި ބަޖެޓް މަޖިލީހަށް ވަންނަންޖެހޭނެ. އެންމެ ދެތިން ހަފްތާއަކީ ބަޖެޓް ދިރާސާ ކުރަން އެއްގޮތަކަށް ވެސް ފުދޭވަރެއް ނޫން. މަޖިލީހަށް ރަނގަޅު ބަޖެޓް ދިރާސާކޮށް ރަނގަޅު ނިންމުންތަކެއް ނިންމޭނީ ފުރުސަތު ލިބިގެން،" ނިޔާޒު ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލް ވިދާޅުވީ މަޖިލީހުން މިހާރު ބަޖެޓް ފާސްކުރަން ޖެހެނީ ޑިސެމްބަރު މަހުގެ ނިޔަލަށް ކޮންމެހެން ނިންމަން ޖެހޭ މަސައްކަތެއް ކަމަށް ބަލައި "އަވަސް އަރުވާލައިގެން" ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް ވަކި ހިސާބަކުން ބަޖެޓްގެ މައްސަލަތައް ކުރިމަތިވަމުން އަންނަ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.
މަޖިލީހަށް ބަޖެޓް ވަންނުމަށް ފަހު ވެސް މަޖިލީހުންގެ ތެރެއިން ބަޖެޓަށް ބަދަލު ގެނައުމުގައި ބައެއް ކަންތައްތަކަށް ވިސްނަން ޖެހޭ ކަމަށް ނިޔާޒް ވިދާޅުވި އެވެ. އެގޮތުން ދައުލަތަށް ލިބޭ އާމްދަނީއަކަށް ވުރެ ބޭރުން އެކި ގޮތްގޮތަށް ތަފާތު ކަންތައްތައް ކުރުމަށް ބަޖެޓް ތެރޭގައި ފައިސާ ހިމަނައިގެން ނުވާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
"ކިތަންމެ ބޮޑު ބަޖެޓެއް ފާސްކުރެވިދާނެ. ނަމަވެސް ސަރުކާރުން ހުށަހަޅާފައި މި ހުންނަ ޕްރޮގްރާމްތަކާ އެއްޗިއްސަށް ބަދަލު ގެންނަ އިރު އެއަށް ވުރެ ބޮޑު ބަޖެޓެއް އެކުލަވާލެވިއްޖެ ނަމަ އެ ވާނީ ބޮޑު މައްސަލައަކަށް. އެވަރަށް ފައިސާއެއް ނުލިބޭނެ. މިވެސް ދިމާވާ މައްސަލައެއް،" ނިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަޖެޓް ފާސްކުރުމަށް ފަހު އޭގެ ބޭރުން ފިނޭންސުން ބައެއް ހަރަދުތައް ކުރާ ކަމަށެވެ. އެގޮތުން މިއަހަރުގެ ބަޖެޓުން ވެސް ދެ ބިލިއަން ރުފިޔާ އަށް ހަރަދުކުރުމަކީ މައްސަލައެއް ކަމަށާއި އެ ހަރަދުތައް ކުރުމުގައި ބައެއްގެ އިހުމާލުއޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.
"ކޮބައިތޯ އެ ހަރަދު. މާލިއްޔަތު ގާނޫނުގެ ދަށުން ހަރަދުކުރަން ޖެހެނީ ބަޖެޓްގައި އެ ފައިސާ ކަނޑައެޅިފައި ހުރެގެން މާލިއްޔާ އިން ޒިންމާވާ ގޮތަށް. އޭގެ ބޭރުން ހަރަދުކުރަން ފައިސާ ދޫކުރާ މީހާ އެ ކުރަނީ ގާނޫނީ ކުށެއް. އެ ފަރާތަކާ މެދު ގާނޫނީ ފިޔަވަޅު އެޅެން ޖެހޭނެ. އެހެންވީމާ ދައުލަތުން އެއަށް ޒިންމާވާން ނުޖެހޭނެ. އެއީ ބައެއްގެ އިހުމާލު،" ނިޔާޒު ވިދާޅުވި އެވެ.
ރާއްޖޭގެ މާލީ ހާލަތުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ ރާއްޖެ އަށް އޮތީ ދެގޮތެއް ކަމަށާއި އެއީ ހަރަދުތައް ކުޑަކުރުން ކަމަށެވެ. ނުވަތަ މިހާރު ކުރާ ހަރަދުތަކަކީ ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ކަމަށް ބަލައި އާމްދަނީ އިތުރުކުރާނެ މަގުތައް ހޯދުން ކަމަށެވެ.
"މުޅި ދައުލަތް މިވަނީ ބޮޑުވެފައި މާލިއްޔާއަށް ވުރެ. މިއީ މި މައްސަލައަކީ،" ނިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުވައްޒަފުންގެ މުސާރަ ދައުލަތުން ދަރަނި ނަގައިގެން ދިނުމަކީ އޭނާ ދެކޮޅު ހައްދަވާ ކަމެއް ކަމަށާއި އެއީ އެކަން ވާން ޖެހޭ ގޮތް ނޫންކަމަށެވެ.
"ދަރަނި ނަގަން ޖެހެނީ ކެޕިޓަލް ހަރަދުތައް ކުރަން އެކަނި. މިކަހަލަ މައްސަލަތައް ހައްލުކުރެވޭނީ ރިކަރަންޓް ހަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށްގެން. އެހެން ނޫނީ މި މައްސަލަތައް އަންނާނީ ކުރިމަތިވަމުން،" ނިޔާޒު ވިދާޅުވި އެވެ.