25 Oct 2012, 15:04
މި އަހަރު ވެސް ހައްޖުގެ މާތް އަޅުކަން އެތައް މިލިއަން މުސްލިމުންނެއް މާތްވެގެންވާ މައްކާގެ އަރަފާތު ބިމަށް އެއްވެ އަދާކުރަމުން އަންނަ އިރު އެއްބަޔަކު ތިބެންޖެހިފައި ވަނީ މާޔޫވެސްވެ ކަރުއެލުވާލައިގެންނެވެ. ރާއްޖެ އިން މި އަހަރު 1000 މީހަކު ހައްޖަށް ދިޔައިރު ފައިސާ ދެއްކި 175 މީހަކު އެއިން ކޮންމެ މީހުން ދެއްކި 68،000ރ. ވީތަނެއް ވެސް ނޭނގި ހައްޖަށް ދެވޭ ގޮތެއްނުވި އެވެ.
މަލީޝާ ހައްޖު ގުރޫޕުގެ ވެރިޔާ އިސްމާއިލް އަބްދުއްލަތީފު ވަނީ ފައިސާތައް ހިފައިގެން ރާއްޖެ ވެސް ދޫކޮށް ފިލައިފަ އެވެ. އޭނާ ހޯދުމަށް ފުލުހުން އިންޓަޕޯލް ރެޑްނޯޓިސް ނެރެ ހައްޔަރު ކުރުމުގެ ކޯޓު އަމުރު ވެސް ހޯދި އެވެ. އޭގެ ފަހުން އެއް މަސްވެ ހައްޖުގެ އަޅުކަމުގައި މުސްލިމުން މިއަދު މަސްއޫލުވަމުން އަންނަ އިރު އިސްމާއީލް އަބްދުލްލަތީފު ވެސް ވީހިސާބެއް ނޭނގެ އެވެ. ހައްޖަށް ދިޔުމުގެ އުންމީދުގައި އުމުރު ދުވަހުން އެއްކުރި ފައިސާ އަށް ވެސް ވީނުވީތަނެއް ވެސް ނޭނގެ އެވެ.
ފުލުހުންގެ ފަރާތުން ވެސް އެ މައްސަލައިގައި ބަހެއް ނުލިބެ އެވެ.
އެ މަކަރުގައި ޖެހުނު އާއިލާތަކުން މިއަދު ތިބީ ފެންކަޅިވެފަ އެވެ. ހައްޖުގެ އަޅުކަން އަދާކުރަމުންދާތަން ޓީވީން ދައްކަމުން ދާއިރު މުސްކުޅި އުމުރުގައި އެ ނަސީބު ހޯދުމަށް ފައިސާ ދެއްކި މީހުންގެ ލޮލުން ކަރުނަ ނުހިކެ އެވެ.
"މަންމަ އާއި ބައްޕަ އެންމެ ބޮޑު އުންމީދު ހައްޖަށް ދިއުން، އެގޮތުން އެހާ ބުރަ މަސައްކަތުން ދެއްކި ފައިސާ ހަމަ އެ އުންމީދުގައި ދެއްކި ނަމަވެސް މަކަރާއި އޮޅުވާލުމުގެ ސަބަބުން މިއަދު އެކަން ވެފައި ވަނީ ދާއިމީ ބައްޔަކަށް، ހައްޖުގެ ވާހަކަ ދެއްކިޔަސް އިސްޖަހައި ފެންކަޅިވެފައި އިންނަނީ. އަޅުގަނޑުމެންނަށް ވެސް ބޮޑު ހިތާމައެއް މިއީ،" މިއަހަރުގެ ހައްޖަށް ދާން މަލީޝާ ޖަމާއަތަށް ފައިސާ ދެއްކި މީހެއްގެ ހަގު ދަރިފުޅު، އަލީ ރަޝީދު ބުންޏެވެ.
މަލީޝާ ގްރޫޕަށް 68،000ރ. އެ އާއިލާއިން ވެސް ދެއްކީ ލިބޭ މަދު މުސާރަކޮޅާއި 65 އަހަރުވުމުން ލިބޭ 2300ރ. ރައްކާކޮށްފައި ބަހައްޓައިގެންނެވެ. އޭގެ ސަބަބުން އެ މީހުން އަދި ކުރަން ޖެހޭ ހިތާމަ ބޮޑެވެ. އެ ފައިސާ ލިބޭނޭ ކަމުގެ ޔަގީންކަން ވެސް ނެތެވެ. އަދި އެ އަދަދަށް ފައިސާ ރައްކާ ކުރަން ވެސް އަދި އިތުރު އަހަރުތަކެއް ނަގާނެ އެވެ.
އެއްބަޔަކަށް މިއަދު މާތްއަޅުކަމުން ހިތްހަމަ ޖެހުންލިބޭ އިރު އަނެއް ބަޔަކު މިއަދު ވެސް ތިބެންޖެހިފައި ވަނީ މާޔޫސްކަމުގަ އެވެ.
މަލީޝާ ހައްޖު ޖަމާއަތުން ނެގި ފައިސާގެ ޖުމްލަ 11.9 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. ދީނީ މާތްއަޅުކަމަކާ ގުޅުން ހުރި ކަމެއްގައި ބަޔަކު އޮޅުވާލަފާނެ ކަމަށް މަލީޝާ ޖަމާއަތަށް ފައިސާ ދެއްކި މީހުން ހީ ވެސް ނުކުރެ އެވެ. އެމީހުން މިއަދު އޮތްހާ ވެސް އުންމުންދަކީ އެ މީހުންގެ ފައިސާކޮޅު އަނބުރާ ލިބުމުގެ އުންމީދެވެ.