25 Oct 2012, 14:42
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ ތަޞްދީގު ކުރައްވައިފި ގެޒެޓް ކުރައްވައިފި އެވެ.
މި މަހު 15 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން އެ ގާނޫނަށް ފުރަތަމަ ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ތަޞްދީގުކުރެއްވީ އިއްޔެ އެވެ.
އެ ޤާނޫނަށް ގެނައި އިޞްލާޙުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް، ނަފްސާނީ ބަލިތަކާ ބެހޭ ޞިއްޙީ ޚިދްމަތްތެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު އިންތިޚާބު ކުރެވޭ ގޮތަށް، އެ ޤާނޫނުގެ ފަސް ވަނަ މާއްދާގެ ހަތަރު ވަނަ ނަންބަރު އިޞްލާޙު ކުރެއްވުން ހިމެނެ އެވެ.
ކުރިން އެ ނަންބަރުގައި އޮތީ، ނަފްސާނީ ބަލިތަކާ ބެހޭ ޑޮކްޓަރުންގެ ތެރެއިން، އެމީހުން އިންތިޚާބުކުރާ މެންބަރަކު ކައުންސިލަށް އިންތިޚާބު ކުރާ ގޮތަށެވެ.
އޭގެ އިތުރުން، އެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ)ގައި ހުރި ލަފްޒުތަކާއި ޢިބާރާތްތަކުގެ މާނަކުރުމުގެ ފަހަތަށް، "ނަފްސާނީ ބަލިތަކާ ބެހޭ ޞިއްޙީ ޚިދްމަތްތެރިން" ކަމުގައި ބުނެފައިވާ، ނަފްސާނީ ބަލިތަކަށް ފަރުވާދިނުމާއި އެފަދަ ބަލި މީހުންނަށް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެފަދަ ބަލިތަކުން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޑޮކްޓަރުންނާއި ސައިކިއެޓްރިސްޓުންނާއި ސައިކޮލޮޖިސްޓުންނާއި ކައުންސެލަރުންނާއި އެ ފަންނުގެ ޞިއްޙީ އެހީތެރިން ކަމަށް ކަނޑައަޅައި އެބައި އިތުރުކޮށްފައިވެ އެވެ.