25 Oct 2012, 13:11
ގައުމީ ޔުނިވާސިޓީގެ ޝަރީއާ އެންޑް ލޯ ފެކަލްޓީ ހިންގާ، ބާ ޖަމާލުއްދީނާއި އިންވެގެން ހުންނަ، ޖަމާލުއްދީން ސްކޫލުގެ އިން ވަކިކުރަން ފާރެއް ރޭނުމުގެ މަސައްކަތް ފަށާފައިވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތަށް ހޯދުމަށްފަހު ހެދިފައިވާ ގަވައިދުތަދާ އެއްގޮތަށް ކަމަށް ޖަމާލުއްދީން ސުކޫލުން ބުނެފި އެވެ.
ޖަމާލުއްދީން ސުކޫލުން މިއަދު ބުނީ އިއްޔެ އެމަސައްކަތް ކޮށްފައިވަނީ ގައިދާއެއްގޮތަށް ކަމަށާއި އެ މަސައްކަތުގައި ޔުނިވާސިޓީގެ އެއްވެސް އެއްޗަކަށް ގެއްލުމެއް ދީފައިނުވާއިރު އެމަސައްކަތް ހިނގަމުންދިޔަ ވަގުތު ފުލުހުން އެމަސައްކަތް ކުރިއަށްދިޔަގޮތް ބަލައި މަސައްކަތް ކުރިއަށް ދިޔައީ ގަވާއިދާ އެއްގޮތަށް ކަން ކަށަވަރުކޮށް މަސައްކަތް ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވާފައިވާ ކަމަށެވެ.
"މިބިން ޖަމާލުއްދީން ސުކޫލަށް ރަޖިސްޓްރީ ކޮށްދެއްވުމާ ގުޅިގެން ޖަމާލުއްދީން ސުކޫލުންނާއި އެޑިއުކޭޝަން މިނިސްޓްރީން އަދި ހައުސިން މިނިސްޓްރީންނާއި މާލޭ ސިޓީ ކައުންސިލުން ބިން ޖަމާލުއްދީން ސުކޫލާއި ހަވާލުކުރުމަށް އެކިފަހަރު މަތިން އެދުމުންވެސް ގައުމީ ޔުނިވާސިޓީއިން އެކި ފަހަރު އެކި އުޒުރު ދައްކަވާ މިބިން ޖަމާލުއްދީން ސުކޫލާއި ވަނީ ހަވާލުނުކޮށް،" ޖަމާލުއްދީން ސްކޫލުން ބުންޏެވެ.
އަދި ބުނީ އިއްޔެ ގައުމީ ޔުނިވަސިޓީގެ ދަރިވަރުން ކުރި މުޒާހަރާއަކީ ހަގީގަތާއި ހިލާފް މައުލޫމާތު ފެތުރުމަށް ހިންގާފައިވާ އަމަލެއް ކަމަށާއި އަދި އެ ދަރިވަރުން އެކިފަހަރު މަތިން ޖަމާލުއްދީން ސްކޫލު ކައިރިއަށް އެއްވެ ބެލެނިވެރިންނާއި ދަރިވަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.
ޖަމާލުއްދީން ސުކޫލުން މިހެން ބުނެފައިވާއިރު އިއްޔެ ގައުމީ ޔުނިވާސިޓީއާ ޖަމާލުއްދީން ސްކޫލާ ދެމެދު އަރައިރުން އެފެދިފައިވާ އެ ބިމުގެ މައްސަލަ ހައްލުކުރަން ކަމަށް ބުނެ ދެ އިމާރާތުގެ ދެމެދު ކޯރު ކޮންނަން ނުކުމެފައިވަނީ ޖަމާލުއްދީން ސުކޫލުގެ ޕީޓީއޭގެ މެމްބަރުންނެވެ. އަދި އެ ސަރަހައްދު އިންފާރު ވަކިކުރުމަށް ފާހަގަ ޖެހުމަށްފަހު އެތަނުގައި އަތުރާފައި ހުރި ގާތައް ނަގައިގެން ޕީޓީއޭގެ މެންބަރުން ދިޔައީ ދެ އިމާރާތުގެ ދޭތެރޭ ކޯރު ކޮންނަމުންނެވެ. ނަމަވެސް އެމައްސަލައާއި ގުޅިގެން ޝަރީއާ އެންޑް ލޯގެ ކުދިން ރުޅިގަދަވެ، ކޮނުނު ކޯރަށް ދިޔައީ ފަސްއަޅައި ފޮރުވަމުންނެވެ.
އެމައްސަލާގައި ފެކަލްޓީގެ ވައިސް ޗާންސެލާ ފައްޔާޒު އަލިމަނިކު ވިދާޅުވީ ދަރިވަރުންނަށް ތިބެވޭނެ އިތުރުތަނެއް ނެތިއްޔާ ނުކުމެގެން އިތުރު ތަނަކަށް ދެވެން ނެތް ކަމެވެ. އަދި އެކަން ސަރުކާރަށް ވެސް އަންގާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ވަގުތީ ގޮތުން ވަންނާނެ ތަނެއް ނުވަތަ ދާއިމީކޮށް ތިބެވޭނެ ތަނެއް ދެއްކުމަށް ވެސް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.
ބާ ޖަމާލުއްދީނުގެ އިމާރާތް ޔުނިވަސިޓީއާ ސަރުކާރުން ހަވާލުކޮށްފައިވަނީ މީގެ 12 އަހަރު ކުރިންނެވެ. ގާތްގަނޑަކަށް 4،000 އެއްހާ ދަރިވަރުން ކިޔަވަމުންދާ ފެކަލްޓީގެ އިންފާރު ވަކި ކުރާއިރު ޔުނިވާސިޓީގެ ދެ ފެކަލްޓީ އާއި ސެންޓާ ފޯ އޯޕަންލާނިން އާއި ދަރިވަރުންގެ ޚިދުމަތްތަކާ ބެހޭ ބައި އެތަނުގައި އަންނަނީ ހިންގަމުންނެވެ.