ޒަމާނުއްސުރެ ރާއްޖޭގައި އަމަލު ކުރަމުން އައި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަކީ ކަމު ނުދާ ގާނޫނެއްކަމަށް ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކުން ވަކާލާތުކުރި އެވެ. އެ ގާނޫނަކީ "ގަދީމީ" ގާނޫނަކަށް ވުމުން ރައްޔިތުންގެ މަޖިލީހުން މަސްތުވާތަކެއްޗާ ބެހޭ އާ ގާނޫނެއް ފާސްކުރި އެވެ. އާ ގާނޫނާ އެކުވެސް ގާނޫނީ ދާއިރާގެ ގިނަ ފަރާތްތަކާއި އެ ގާނޫނުގެ ދަށުން އުފެއްދި ޑްރަގް ކޯޓުންގެ ވެސް ޝަކުވާއަކީ އެ ގާނޫނުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމެވެ.

ޑްރަގް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މަސްތުވާތަކެތި ބޭނުންކުރާ މީހުނަށް ރިހެބިލިޓޭޝަންގެ ފަރުވާ ދެވޭނެ އުސޫލެއް ގާއިމް ކުރެވި އެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް އެއްބައި އޮތީ ދޫކޮށްލެވިފަ އެވެ. އެއީ ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރާ މީހުންނަށް ފަރުވާދެވޭނެ ގޮތްތަކެއް އެ ގާނޫނުގެ ތެރެއިން ހޯދިފައި ނެތުމެވެ.

"ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުން ކުރާ މީހަކަށް ފަރުވާ ދެވޭނެގޮތެއް މިހާރު އަމަލު ކުރަމުންދާ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި ނެތް. އެފަދަ މީހުންނަށް ފަރުވާ ދެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަކީ ނުލާހިކު މުހިންމުކަމެއް. ރައްޔިތުންގެ މަޖިލީހުން ވީހާވެސް އަވަހަކަށް އެބައި ގާނޫނުގައި ހިމެނިއްޔާ އެކަން [ބޭސް ބޭނުންކޮށްގެން މަސްތުވާމީހުންނަށް ފަރުވާދެ] ވޭނީ،" ޑްރަގް ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެގޮތަށް ގާނޫނުގައި ނެތުމުން ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ކުށުގައި ޖަލުގައި ހުކުމް ތަންފީޒު ކުރާ މީހުންނަށް ވެސް ފަރުވާ ދެވި އެ މީހުން މުޖުތަމައުއަށް ނެރެވޭނެ އެއްވެސް ޖާގައެއް އެ ގާނޫނަކު ނެތެވެ.

ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު އެކުލަވާފައި ވާގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ އެފަދަ މީހުން ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައުއަށް ނެރުމަށް ކުރާ މަސައްކަތްތަކުގެ މަގްސަދު ހާސިލް ނުވެ އެވެ.

އޭނާ ވިދާޅުވާގޮތުގައި ވަރަށް ގިނަ މީހުން އާންމުކޮށް މަސްތުވުމަށް މިފަހަކަށް އައިސް ތަފާތު އެކި އެކި ބޭސް ވަރަށް ގިނައިން ބޭނުން ކުރެ އެވެ. ޑޮކްޓަރުގެ ޕްރިސްކްރިޕްޝަނެއް ނެތި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމުން އެފަދަ ފަރާތްތަކަށް ވެސް ފަރުވާދެވޭނެ ގޮތެއް ގާނޫނުގައި ކަނޑައެޅިފައި އޮންނަން ޖެހެ އެވެ. އެހެންނޫނީ މުޅި މައްސަލައަށް ހައްލެއް ނެތެވެ.

"އާންމުގޮތެއްގައި ވަރަށް ގިނަ މީހުން މަސްތުވުމަށް ތަފާތު އެކިއެކި ބޭސްތަށް ބޭނުންކުރޭ. އެހެންވީމާ ޑޮކްޓަރުގެ ޕްރިސްކްރިޕްޝަނެއް ނެތި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް މީހަކު ބޭނުންކޮށްފިނަމަ އެމީހަކަށް ވެސް ފަރުވާދެވޭނެ ގޮތެއް ގާނޫނުގައި ކަނޑައެޅި ބަޔާންވެގެން އޮންނަން ޖެހޭ. އެހެން ނޫނީ މުޅި މައްސަލައަށް ހައްލެއް ނާންނާނެ،" ހަސީން ވިދާޅުވި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓްގައި ފަސް އަހަރު މަސައްކަތްކޮށް އަދި މިހާރު ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ އަދަމް އާސިފް ވިދާޅުވިގޮތުގައި މިހާރު މިއޮތް މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަކީ ބައެއް ގާނޫނީ މާހިރުންވެސް އެ ވިދާޅުވާ ގޮތަށް "ވާއްގެއް ނެތް" ގާނޫނެކެވެ.

އޭނާ ވިދާޅުވިގޮތުގައި އެ ގާނޫނުން ހާސިލްކުރަން ބޭނުންވާ މަގުސަދުތަކުގެ ގޮތުގައި މައިގަނޑުގޮތެއްގައި ގާނޫނުގެ ދެވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އެއަށް ބޭނުންވާ ނިސްބަތް މަދުކޮށް އެކަމުން ދުރުހެލި ކުރުން ކަމަށް ވާއިރު ގާނޫނު ބައްޓަން ކުރެވިފައި އޮތީ އެންމެ ފުރިހަމަ ގޮތުގައި އެކަން ހާސިލް ކުރެވޭ ގޮތަށް ނޫންކަމަށެވެ.

"މިގޮތުން މިގާނޫނުގެ ދަށުން މަސްތުވާތަކެތި ދެ ބަޔަކަށް ބެހިފައިވާއިރު އޭގެ ތެރެއިން މިގާނޫނުގެ ޖަދުވަލު ދޭއް ގައި ބަޔާންކޮށްފައިވާ މެޑިކަލް ޑްރަގްސް ނުވަތަ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތި ބޭނުންކުރުމާއި ބޭނުންކުރުމަށް އަތުގައި ބެހެއްޓުން ތަޖުރީމްކުރެވި [ކުށެއްކަމުގައި ކަނޑައެޅި] އަދި އެކަމަށް އަދަބު ކަނޑައެޅޭނެ ހަމައެއް ސާފްކޮށް މިގާނޫނުން ފެންނާކަށް ނެތް. މިރައުޔަށް ބާރުލިބޭގޮތަށް ކޯޓުތަކުން ޚާއްސަކޮށް ޑްރަގް ކޯޓުގެ ބައެއް ނިންމުންތައް ނިމިފައިވާކަމަށް ފާހަގަ ކުރެވޭ. އެހެންވީމާ ފަރުވާއަށް ފޮނުވޭނެ ގޮތެއް ނެތް. އެހެންވީމަ އަދަބެއް ކަނޑައެޅޭނެ ގޮތެއް ނެތި ކޯޓު އަމުރެއްގެ ދަށުން ކިހިނެތްތޯ ފަރުވާއަށް ފޮނުވާނީ. ކަންމިހެން އޮތުމުން މެޑިކަލް ޑްރަގްސް ބޭނުންކުރުން ނުވަތަ ބޭނުންކުރުމަށް އަތުގައި ބެހެއްޓުމަށް މި ގާނޫނުގެ ދަށުން ފަރުވާއަށް ފޮނުވޭނެ ގޮތެއް ނެތް،" އާސިފް ވިދާޅުވި އެވެ.

ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވިގޮތުގައި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. އެގޮތަށް ދިމާވާން މެދުވެރިވި ސަބަބަކީ ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ފާރަތްތަކުގެ ޚިޔާލާއި މަޝްވަރާ ނުހޯދައި މަޖިލީހުން އެ ގާނޫނު ފާސްކޮށްފައިވާތީ ކަމަށް ޝާހު ވިދާޅުވެއެވެ.

"ހަގީގަތުގައި ގާނޫނު އެގޮތަށް ހެދުމުގައި ގާނޫނީ އިލްމުވެރިންގެ ރައުޔެއް ހިމަނާފައެއް ނެތް. ރާއްޖޭގެ ޝަރުއީ ނިޒާމުގައި ތިބި ހަރު މީހުންނާއި މިދާއިރާގައި ދިރިދެމި ތިބި އެއްވެސް ވަކީލެއްގެ ޚިޔާލެއް މަޝްވަރާއެއް ހޯދާފައެއް ނެތް. އެހެންވީމައި އަސްލު ވީގޮތަކީ މަސްވެރިންނާއި ދަނޑުވެރިންނާއި ފޯއްކޮށާ މީހުންނާއި މި މީސްމީހުން މަޖިލީސް ގޮނޑިއަށް ގޮސްގެން ރިސޯޓް އޯނަރުންނާ މި މީސްމީހުން ގޮނޑީގައި ތިބެގެން އަތްމައްޗަށް ހިއްލައިގެން ހަދާފަ އޮތް ގާނޫނެއް ގާނޫނަކީ. ގާނޫނުގައި ފުރިހަކުރަންޖެހޭ ކަންތައްތަކެއް ފުރިހަމަ ނުކުރެވޭ،" ޝާހު ވިދާޅުވި އެވެ.

ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވިގޮތުގައި ތަހުގީގު މަރުހަލާގައި މަސްތުވަތަކެތި ބޭނުންކުރިކަމަށް އިއުތިރާފްވާ މީހުންގެ މައްސަލަތައް ގިނަ ދުވަސްތަކެއް ފަހުން ޑްރަގް ކޯޓަށް ފޮނުވޭތީ އެއީ މިގާނޫނުގައި އޮތް ވަރަށް ބޮޑު އުނިކަމެއް ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި މިހާރު އޮންނަ ގޮތުން ތަހުގީގުގައި އެއްބަސްވާ ފަރާތްތަކުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އޭގެ އެތަށް ދުވަހެއް ފަހުން އެމީހެއްގެ މައްޗަށް ދައުވާ ކުރެވޭ އިރު އެމީހާ އަކީ އެކަމަށް ދެވި ހިފާފައި ހުންނަ މީހަކަށް ވާތީ އޭނާ ހުންނަނީ ދެވަނަ ފަހަރަށް ކުށަށް އަރައިގެންފަ އެވެ. އެހެންކަމުން ތަހުގީގު މަރުހަލާގައި އެއްބަސްވާ މީހުންގެ މައްސަލަތައް ފުލުހުން މެދުވެރިކޮށް ޑްރަގް ކޯޓަށް ހުށަހަޅައި އެ މީހުންނަށް ފަރުވާ ދެވޭނެގޮތެއް ގާނޫނުގައި ކަނޑައަޅާފައި އޮންނަން ޖެހޭކަމަށް އޭނާ ވިދާޅުވެ އެވެ.

"ފަރުވާ ލިބެންޖެހޭ މީހުން ފަރުވާ ނުލިބި މުޖުތަމައު ތެރެއަށް ދޫވުމަކީ އެ ގާނޫނުގެ ވަރަށް ބޮޑު އުނިކަމެއް. ތަހުގީގުގައި އެއްބަސްވާ މީހުންގެ މައްސަލަތައް ފުލުހުން މެދުވެރިކޮށް ޑްރަގް ކޯޓަށް ހުށަހަޅައި ފަރުވާގައި ބައިވެރިކުރެވޭނެ ގޮތެއް ހަދަންޖެހޭ،" ޝާއިރު ވިދާޅުވި އެވެ.

ގާނޫނީ ވަކީލުންގެ ވާހަކަތައް އެގޮތަށް ހުރި އިރު ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވިގޮތުގައި މިހާރު ރާއްޖޭގައި އަމަލު ކުރެވެމުންދާ ޑިމޮކްރެޓިކް ނިޒާމަކީ އިސްލާހު ހުށަހެޅުމުގެ ފުރުސަތު ދީފައި އޮންނަ ނިޒާމަކަށް ވާތީ ގާނޫނުގައި މައްސަލައެއް ހުރިކަމަށް ފާހަގަ ކުރެވޭނަމަ ދެން ޖެހޭނީ އިސްލާހު ހުށަހަޅަން ކަމަށެވެ.

"އަޅުގަނޑުމެން ބަލައިގެންފައި މިއޮންނަ ސިސްޓަމުގައި އޮންނަނީ އިސްލާހު ހުށަހަޅާނެ ޖާގަ ދީފައި. ހުރިހާކަމެއް ފުރިހަމަކޮށް ނުނިންމޭނެ،" މައުސޫމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވި ގޮތުގައި ގާނޫނު ފާސްކުރަނީ ކަންކަން ރަނގަޅުވާނެ ގޮތްގޮތް ބެލުމަށްފަހު އެވެ. ނަމަވެސް ގާނޫނުގައި މައްސަލަތަކެއް އުޅޭނަމަ ދެން ޖެހޭނީ ގާނޫނު އިސްލާހު ކުރަން ކަމުގައި މަހުލޫފް ވެސް ވިދާޅުވެ އެވެ.

ގާނޫނަށް އިސްލާހު ގެންނަ ވާހަކަ ދައްކާއިރު އެ ގާނޫނު އެކުލަވާލެވިފައި ވަނީ ޝަރުއީ ދާއިރާ އާއި ގާނޫނީ ވަކީލުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ނޫންކަމަށް އެބޭފުޅުންގެ ބަހުން އެނގެ އެވެ. ގާނޫނުތައް ފާސްކުރާއިރު އެކަމަކާ ގުޅޭ ދާއިރާތަކުގެ ހުރިހާ ފަރާތްތަކެއްގެ މަޝްވަރާ ހޯދުމަކީ މުހިންމުކަމެކެވެ.

މަސްތުވާތަކެތި ބޭނުންކުރާކަމަށް އިއުތިރާފްވާ މީހުންގެ މައްޗަށް ފަރުވާދިނުމަށް ނޭޝަނަލް ޑްރަގް އެޖެންސީގެ މައްޗަށް އަމުރުކުރާ ކޯޓެއްގެ ގޮތުގައި ޑްރަގް ކޯޓު އޮންނަ އިރު އެ ކޯޓުގައި ފަނޑިޔާރުން ތިއްބަވަ އެވެ. އެއިން ކޮންމެ ފަނޑިޔާރެއްގެ މުސާރައަށް މަހަކު 45000ރ. (ސާޅީސް ފަސް ހާސް ރުފިޔާ) ޚަރަދުވާއިރު މިއީ ވެސް ވިސްނާލަން ޖެހޭ ތަންކޮޅެކެވެ.

ކޯޓުތަކުގައި މައްސަލަތައް ނުނިމި ފުނިޖެހިފައިވާ ވާހަކަޔަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކައެކެވެ. އެހެންކަމުން މަސްތުވާތަކެތީގެ ހުރިހާ މައްސަލަތަކެއް ޑްރަގް ކޯޓަށް އެކަނި ބެލޭނެގޮތަށް ގާނޫނު ހެދުމަކީ މުހިންމު ކަމެއްކަމަށް ފެނެ އެވެ. ސަބަބަކީ އެކަމުގެ ސަބަބުން ކްރިމިނަލް ކޯޓުގައި ފުނިޖެހިފައި ހުރި އެހެން ބާވަތްތަކުގެ މައްސަލަތައް އަވަހަށް ނިންމުމަށް އެކަމުން އަލިމަގެއް ފެނިދާނެ ކަމަށް ގަބޫލުކުރެވޭތީ އެވެ. ޑްރަގް ގާނޫނާ މެދު ދެވަނަ ވިސްނުމަކުން ވިސްނަންވެއްޖެ އެވެ.