25 Oct 2012, 10:53
ދިވެހި ހުރިހާ ހައްޖުވެރިން ވެސް މިހާރު ތިބީ އަރަފާތު ބިމުގައި ކަމަށް މައްކާގައި ހުންނަ ރާއްޖޭގެ ހައްޖު މިޝަނުން ބުނެފި އެވެ.
ރާއްޖޭގެ ހައްޖު މިޝަންގެ މެންބަރު މޫސާ އަންވަރު ހަސަން މައްކާގައި ހުންނަވާ ސަން އޮންލައިންއަށް މިއަދު ވިދާޅުވީ ރާއްޖެ ގަޑިން މިއަދު ހެނދުނު 10:15 އެހާކަންހާއިރު ހުރިހާ ދިވެހި ހައްޖާޖީން ވެސް އަރަފާތުބިމަށް ޖަމާވެފައިވާ ކަމަށާއި އެއީ މައްކާގެ ގަޑިން 8:00 ޖަހާ އެހާކަންހާއިރު ކަމަށެެވެ.
އޭނާ ވިދާޅުވީ ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށާއި ނަމަވެސް އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ކުޑަކޮށް ރޯގާގެ އުނދަގޫ އުޅޭ ކަމަށެވެ. އަދި ރާއްޖެއިން ހައްޖަށް މީހުން ގެންދިޔަ އަށް ޖަމާއަތުގެ ހައްޖުވެރިންނާވެސް މިއަދު ބައްދަލުކުރައްވައި ޖަމާއަތްތަކުގެ ހާލު އަހުވާލު އޮޅުން ފިލުވައި ހެދިކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހައްޖުގެ އަޅުކަމަށްފަހު ދިވެހި ހުރިހާ ހައްޖާޖީންވެސް މިއަދު އުޅޭނީ ދުއާކުރުމުގެ ކަންތަކުގައި ކަމަށާއި އެކަމުގައި މިއަދު އިރުއޮއްސެން ދެން ހައްޖާޖީން އުޅޭނެކަމަށް މޫސަ ވިދާޅުވި އެވެ.
"ހައްޖުގެ މަތިވެރި އަޅުކަމަށް ފަހު މިއަދު އިރުއޮއްސެންދެން ހައްޖާޖީން އުޅުއްވާނީ މާތްﷲ ގެ ހަޒުރަތަށް ދުއާކުރެއްވުމަށް،" މޫސާ އަންވަރު ވިދާޅުވި އެވެ.
ސައުދީ ސަރުކާރުގެ ހުއްދައާ އެކު ރާއްޖޭގެ އަށް ޖަމާއަތަކުން 1000 މީހުން މިއަހަރު ވަނީ ހައްޖަށް ގެންގޮސްފަ އެވެ. އަދި އޭގެ އިތުރުން ސައުދީ ރަސްގެފާނު ދެއްވި ދައުވަތަކަށް އިތުރު 20 މީހަކު ވެސް ހައްޖުގެ އަޅުކަމުގައި ބައިވެރިވެ އެވެ.
މޫސާ އަންވަރު ވިދާޅުވީ ހައްޖުގެ އަޅުކަމަށްފަހު ބައެއް ޖަމާއަތްތަކުން އަންނަ މަހުގެ 3،4 ގައި ފުރަން ހަމަޖެހިފައިވާއިރު ދެންތިބި ޖަމާއަތްތަކުން ފުރަން ހަމަޖެހިފައިވަނީ ވަނީ އަންނަ މަހުގެ އަށެއްގައި ކަމަށެވެ.