މާލެއަކީ ރައްޔިތުންނަށް ރައްކާތެރި އަމާންތަނަކަށް ހެދުމަށް ފުލުހުން ހިންގާ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބަޔަކު ޗެކްކޮށް 24 ގަޑިއިރު ތެރޭގައި 81 ފަރާތަކަށް ސެކުރިޓީ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އިއްޔެ އިސްކަންދަރު ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދީ ވިދާޅުވީ އެ އޮޕަރޭޝަނުގައި މިހާތަނަށް 2930 މީހަކާ ސުވާލުކޮށް އެ މީހުންގެ ޕްރޮފައިލް ހަދާފައިވާ ކަމަށާއި އަދި 24 ގަޑިއިރު 81 ފަރާތަކަށް ސެކިއުރިޓީ ދެމުން އަންނަ ކަމަށެވެ. އޭގެތެރޭގައި ޖުޑީޝަރީގެ ފަރާތްތަކާއި ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި 12 ތަނެއްގެ ސެކިއުރިޓީ ހިމެނޭ ކަމަށް ސައުދީ ވިދާޅުވި އެވެ.

"މާލެއަކީ ރައްޔިތުންނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި އާ ހިތްވަރަކާ އެކު ފުލުހުން މިވަނީ މަސައްކަތް ފަށާފައި. އަދި ކުށްކުރުމަށް ހަރަކާތްތެރިވާ މީހުން ހުއްޓުވުމަށް ޓަކައި ފުލުހުން ޕްރެޒެންސް [ބައިވެރިވުން] އިތުރުކޮށް މާލޭގެ އެކި ހިސާބުތަކުގައި ވީސީޕީތައް ޖަހައި މަގުސަދެއް ނެތި ދަންވަރު ހޭލާ އުޅޭ ފަރާތްކާ ސުވާލުކުރަމުންދޭ،" ސައުދީ ވިދާޅުވި އެވެ.

އަށްޑިހަ އެއް މީހަކަށް ސެކުރިޓީ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވާ އިރު އެހާ ގިނަ ބަޔަކު ފުލުހުންގެ ސެކުރިޓީ ހޯދަންފެށީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި ފަހުންނެވެ.

ސައުދީ އަދި ވިދާޅުވީ 24 ގަޑިއިރު ހިދުމަތް ދިނުމަށް ޓަކައި ހުޅުވާފައި ހުރި ތަންތަން މިހާރު ބަންދުކުރުމާ ގުޅިގެން ދަންވަރު ވަގުތުތަކުގައި ހޭލާއުޅޭ ފަރާތްތައް މަދުވެފައިވާ ކަމަށާއި މިކަމުގެ ސަބަބުން ކުށްކުރުމުގެ ނިސްބަތަށް ބަދަލު އައިސްފައިވާ ކަމަށެވެ.