25 Oct 2012, 10:30
ޓްރެފިކް މައްސަލަތަކާ ގުޅިގެން ނުވަ މަސްތެރޭ ޖޫރިމަނާގެ ގޮތުގައި ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފުލުހުންނަށް ލިބިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.
މާލޭގައި ހިންގާ ކުށްތައް މަދުކުރުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސެންޓްރަލް އޮޕަރޭޝަން ކޮމާންޑްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ ވިދާޅުވީ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 4.4 މިލިއަން ރުފިޔާ އެކި ފަރާތްތަކުގެ އަތުން ނެގިފައިވާ ކަމަށެވެ. ސައުދީ ވިދާޅުވީ އެ ފައިސާއަކީ ފުލުހުން ނަގަން ބޭނުންވާ ފައިސާއެއް ނޫން ކަމަށާއި އަދި އެއީ ސަލާމަތް ކުރެވޭނެ ފައިސާ ކަމަށެވެ.
"މި ފައިސާއަކީ ހެދިފައި ހުރި ގަވާއިދުތަކާ ގާނޫނުތަކަށް ކަމޭހިތައިފި ނަމަ ސަލާމަތް ކުރެވޭނެ ފައިސާ،" ސައުދީ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މާލެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ ގޮތުން ސަރުކާރުން 24 ގަޑިއިރު ޚިދުމަތްދޭ ތަންތަން އަވަހަށް ބަންދުކުރަން ނިންމި ނިންމުމާ ގުޅިގެން މާލެތެރޭގައި ކުށްކުރާ މިންވަރު ދަށްވެފައިވާ ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ބޭރުތެރޭ އުޅޭ މީހުން މަދުވެފައިވާ ކަމަށް ވެސް ސައުދީ ވިދާޅުވި އެވެ.
ފުލުހުން މާލެތެރެ ބެލެހެއްޓުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 2،930 މީހުންނާ ސުވާލުކޮށް އެމީހުންގެ ޕްރޮފައިލް އެއް ހަދާފައިވާ ކަމަށް ސައުދީ ވިދާޅުވި އެވެ. އެމީހުންގެ ތެރޭގައި ދެވަނަ ފުރުސަތުގައި އުޅޭ މީހުންނާއި ފިލައިގެން އުޅޭ މީހުން ހިމެނޭ ކަމަށް ވެސް ސައުދީ ވިދާޅުވި އެވެ.