25 Oct 2012, 10:07
ދެ ބިލެއް ޑްރާފްޓް ކުރުމަށް ފަހު އާންމުންގެ ޚިޔާލު ހޯދުމަށް ބަންޑާރަ ނައިބުގެ އޮފީހުން ފުރުސަތު ހުޅުވާލައިފި އެވެ.
މަދަނީ އިޖުރާއަތުގެ ބިލާއި ގާނޫނީ ވަކީލުންނާއި ބެހޭ ބިލް ޑްރާފްޓް ކުރުމަށް ފަހު އެ ދެ ބިލާއި ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ބަންޑާރަ ނައިބް އޮފީހުގެ ވެބްސައިޓްގައި ވަނީ އެ ދެ ބިލްގެ ޑްރާފްޓް ޑައުންލޯޑް ކުރެވޭގޮތަށް ހަމަޖައްސާފަ އެވެ.
ވެބްސައިޓްގައި އާންމު ކޮށްފައިވާ އިއުލާނެއްގައި ވަނީ އެ ދެ ބިލްގެ ޑްރާފްޓަށް ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެ އޮފީހަށް މެއިލް ކުރުމަށެވެ.
ޑްރާފްޓް ކުރެއްވުމަށް ފަހު މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދު އެ އޮފީހަށް ފޮނުވާފައިވާ ޖިނާއީ އިޖުރާއަތުގެ ބިލުގައި މަދަނީ މައްސަލަތަކުގެ ޝަރީއަތް ކުރުމުގައި ކޯޓުން އަމަލު ކުރަންޖެހޭ ގޮތްތަށް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައި ވެއެވެ. އެގޮތުން ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވާނެ ގޮތާއި މައްސަލަތަކުގައި ތަދަޚުލްވުމަށް ހުށަހަޅަންވީ ގޮތުގެ ތަފްސީލުތައް އެ ބިލުގައި ހިމެނެ އެވެ.
ގާނޫނީ ވަކީލުންނާއި ބެހޭ ބިލުގައި "ބާ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފައްދަންޖެހޭ ކަމަށް ވަނީ ބުނެފަ އެވެ.
އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ވަކި ގާނޫނީ ސަޚުސެއް ގެ ގޮތުގައި އުފައްދާގޮތަށް ހަމަޖައްސާފައިވާ އެ ކައުންސިލްގެ މަގުސަދު ތަކުގެ ތެރޭގައި ވަކި ގަވާއިދެއްގެ ދަށުން ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ކަންކަން ހިނގާ ނުހިނގާ ގޮތް ބެލުން ހިމަނާފައި ވެއެވެ.
މީގެއިތުރުން ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކިބައިން ގާނޫނީ ލަފާ އާއި އެހީތެރިކަން ލިބިގަންނަ މީހުންގެ ހައްގުތައް ހިމާޔަތް ކުރުން ވެސް އެ ކައުންސިލްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި ޖިނާއީ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ބާރު ވެސް އެ ކައުންސިލަށް ލިބިދީފައި ވެއެވެ.