25 Oct 2012, 09:43
އަރަފާތުގެ ބިން (އޮކްޓޯބަރ 25) : ޙައްޖުގެ އެންމެ ބޮޑު ރުކުން އަދާކުރުމަށް ޙައްޖުވެރިން ޢަރަފާތުގެ ބޮޑު ބިމަށް މިހާރު ޖަމާވަމުންދާ ކަމަށާއި މިއަދުގެ މެންދުރެއްހާއިރު ހުރިހާ ޙައްޖުވެރިންވެސް ތިބޭނީ ޢަރަފާތުގެ ބިމުގައި ކަމަށް ޚަބަރުލިބެ އެވެ.
ސަޢޫދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުން ރޭ ޙައްޖުވެރިން ތިބީ މިނާގަ އެވެ. މިނާއަށް ޙައްޖުވެރިން ގެންދިޔުމަށް 24 ހާސް ބަސް ބޭނުންކުރިކަމަށް ސަޢޫދީ ސަރުކާރުން ބުނެ އެވެ. މިނާއިން ޢަރަފާތުގެ ބިމަށް ދިޔުމަށް ޙައްޖުވެރިން ދަތުރުފަށާފައިވަނީ ރޭ ފަތިސްނަމާދަށްފަހުގަ އެވެ. ޢަރަފާތު ބިމުގައި ތިބުމުގެ ކުރިން ތަރްވިޔާގެ ދުވަސް ފާހަގަކުުރުމުގެ ގޮތުން ޙައްޖުވެރިން މިނާގެ މަޝްޢަރުގައި ތިބެނީ މިގޮތަށް ކީރިތި ރަސޫލުﷲ ސައްލައްﷲ ޢަލައިހި ވަސައްލަމަ ޢަމަލުކުރައްވާފައިވާތީ އެކަލޭގެ ފާނުގެ ސުންނަތަށް އިޤްތިދާ ވުމުގެ ގޮތުންނެވެ.
ޢަރަފާތުގެ ބިމުގައިވާ މަސްޖިދުއްނަމިރާގައި މިއަދުގެ މެންދުރު ނަމާދަށްފަހު ޚުތްބާ ދިނުން އޮންނާނެ އެވެ. މިއަދުގެ ބޮޑުބައި ޢަރަފާތުގެ ބިމުގައި ހޭދަކުރުމަށްފަހު މިއަދު ހަވީރުން ފެށިގެން ހައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. މިރެއަކީ އަޟްޙާ ޢީދުވިލޭރެއެވެ. މި ރޭ ހައްޖުވެރިން ތިބޭނީ މުޒްދަލިފާގަ އެވެ. މުޒްދަލިފާގައި ތިބެ އެތަނުން ހިލަހޮވުމަށްފަހު މާދަމާ (ޢީދުދުވަސް) ގެ ހެނދުނު އަނެއްކާވެސް މިނާއަށް ޖަމާވުމަށްޓަކައި މިރޭ ފަތިހު ހައްޖުވެރިން މިނާއަށް ދިޔުމުގެ ދަތުުރު ފަށާނެއެވެ.
ޙައްޖުވެރިންގެ ދަތުރުފަތުރު ހަމަޖެއްސުމުގައި ޒަމާނީ އިލެކްޓްރިކް ރޭލް ފަދަ ޒާމާނީ ވަސީލަތްތަކުގެ ބޭނުން އެދެވޭގޮތުގައި މިއަހަރު ކުރެވިފައިވާތީ މިއަހަރު މަގުތަކުގައި ޓްރެފިކް ޖޭމް ވެ ދަތުރުލަސްވުންފަދަ މައްސަލަތައް ކުރިމަތިނުވާ ކަމަށް ސަޢޫދީ ސަރުކާރުން ބުނެ އެވެ. މިއަހަރުގެ ޙާއްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ދޭއް ޕޮއިންޓް ހަތެއް މިލިޔަން މުސްލިމުން މައްކާގެ މުޤައްދަސް ބިންތަކުގައި ޙަރަކާތްތެރިވަމުންދާ ކަމަށް ޚަބަރު ލިބެ އެވެ. (ސަޢޫދީ މީޑިޔާ)