ލ. ފޮނަދޫ ފިހާރައަކުން ސަލްޓަންސް އޮފްދަ ސީސްގެ ލޯންޗްތަކަށް އަޅާފައިވާ 1620 ލީޓަރުގެ ޕެޓްރޯލާއި 1430 ޑީސަލްގެ އަގަށްވާ ފައިސާ، ނުދައްކައިގެން އެ ފިހާރައިގެ ވެރިފަރާތުން ސަލްޓަންސް އޮފްދަ މޯލްޑިވްސްގެ މައްޗަށް ދައުވާކޮށްފި އެވެ.


ލ. ފޮނަދޫ އައި އާރު ސްޓޯރުން މި ދައުވާ ކުރުމުން މިހާރު ވަނީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގެ ފުރުސަތު މަދަނީ ކޯޓުން ދެ ފަރާތަށް ދީފަ އެވެ. ކޯޓުން މި ފުރުސަތު ދިނީ އެފައިސާ ނުދައްކާ އޮތް ކަމަށް އެބަސްވެ އާބިޓްރޭޝަނަކަށް ދިއުމަށް އެދުމުންނެވެ.


އައިއާރް ސްޓޯރުގެ ވެރިޔާ އިސްމާއީލް ރަފީއު، ޑީއާރްޕީގެ ލިޑަރު އަހުމަދު ތަސްމީނުގެ މަސްލަހަތު އޮންނަ ސަލްޓަންސް ސީސްގެ މައްޗަށް ދައުވާކޮށްފައި ވަނީ 3140619.70ރ. އެކީ އެއްފަހަރާ ސަލްޓަންސް އޮފްދަ ސީސް އިން ޝަރީއަތް މެދުވެރިކޮށް ނަގައިދިނުމަށެވެ.


ރަފީއުގެ ދައުވާގައި ބުނަނީ ޕެޓްރޯލާއި ޑީސަލްގެ އަގަށްވާ 161673ރ. އާއި  22 އޯގަސްޓް 2010އާ ހަމައަށް އޭގެ ޖުރިމަނާއަށްވާ 2893946.70 ރ. އާއި  ގާނޫނީ ވަކީލުންނަށް ހަރަދު ކުރަން ޖެހޭ 75000ރ. އެކު ޖުމްލަ 3140619.70ރ. ސަލްޓަންސް އޮފަދަ ސީސް އިން އޭނާ އަށް ދައްކަންޖެޙޭނެ ކަމަށެވެ.


ދައުވާގައި ހިމެނޭ މި ފައިސާގެ އިތުރުން މި ފައިސާ އޭނާ އަށް ނުލިބިދާ ކޮންމެ ދުވަހަކަށް 895ރ. މަގުން އޭނަ އަށް ސަލްޓަންސް އޮފްދަ ސީސް އިން ފައިސާ ދޭން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އެދިފައިވެ އެވެ.


ނަގާފައިވާ ލޯނެއްގެ މައްސަލައިގައި ސަލްޓަންސް އިން ދިވެހި ބޭންކަށް 118 މިލިޔަން ރުފިޔާއަކާ 654 މިލިޔަން ރުފިޔާ ދެއްކުމަށް މީގެ ކުރިން މަދަނީ ކޯޓުން ވަނީ ހުކުމެއްކޮށްފަ އެވެ. އަދި އިންވޮއިސް އޮޅުވާލައިގެން ލޯންޗްތަކެއް އެތެރެކުރި މައްސަލައިގައި ސަރުކާރަށް 110 މިލިޔަން ރ. ދެއްކުމަށް ވެސް ހުކުމް ކޮށްފައިވެ އެވެ.