25 Oct 2012, 09:21
މީގޮނަކަށް ޖިންސީ ގޯނާ ކުރި މީހަކު ފަސް އަހަރު ދުވަހަށް ޖަލަށް ލާން އިންޑިޔާގެ ރާޖަސްތާނުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ. އަދި މީގެ އިތުރުން ކޯޓުން ވަނީ ބަންވާރީ ލާލް ނަމަކަށް ކިޔާ މި މީހާ 5000 ރުޕީސްއިން ޖުރުމާނާ ވެސް ކޮށްފައެވެ. ކޯޓުގެ ހުކުމުގައި ވާ ގޮތުން ޖުރުމާނާއަށް ވާ ފައިސާ ދައްކާން އުޒުރުވެރި ވެއްޖެ ނަމަ ބަންވާރީ ލާލްގެ ޖަލު ހުކުމުގެ މުއްދަތަށް ހަ މަސް އިތުރު ކުރެވޭނެ އެވެ.
ކޯޓުން ކުރި ހުކުމާ މެދު ވާހަކަ ދައްކަމުން ބަންވާރީ ލާލް ބުނެފައި ވަނީ އޭނާ ކުށެއް ކުރި ކަމަށް އޭނާ ގަބޫލެއް ނުކުރާ ކަމަށެވެ. އެހެން ކަމުން މި މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ކޯޓުން ބަންވާރީ ލާލްގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ހިންދުސްތާނުގެ ދުސްތޫރުގެ 377 ވަނަ މާއްދާގެ ދަށުންނެވެ. ފިޠުރަތާ ޚިލާފު ޖިންސީ ގުޅުމެއް ހިންގައިފި މީހަކަށް މި މާއްދާގެ ދަށުން ހުކުމް ކުރެވޭނެއެވެ. އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށާއި ޖަނަވާރަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ހުކުމް އިއްވަނީ މި މާއްދާގެ ދަށުންނެވެ.
ދައުލަތުގެ ވަކީލު ކޯޓުގައި ވިދާޅުވީ ބަންވާރީ ލާލް، ސިވާ ލާލް ކިޔާ މީހެއްގެ މީގޮނަށް ޖިންސީ ގޯނާ ކުރި ކަމަށް ރިޕޯޓު ކޮށްފައި ވަނީ މީގޮނުގެ ވެރިޔާ ކަމަށެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ކުރި ތަހުގީގުން އެނގިފައިވާ ގޮތުގައި ބަންވާރީ ލާލް ވަނީ މީގޮނަށް ޖިންސީ ގޯނާކޮށްފަ އެވެ.
އެންމެ ފަހުގެ އަޑުއެހުމަށް ފަހު އަންގާރަ ދުވަހު ކޯޓުން ވަނީ ބަންވާރީ ލާލް މި މައްސަލައިގައި ކުށްވެރިވާ ކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް ހުކުމް އިއްވައިފައެވެ. މި މައްސަލައިގައި ދައުލަތުން ވަނީ ބަންވާރީ ލާލާ ދެކޮޅަށް 12 ހެކި ހުށަހަޅައިފައެވެ. ދައުލަތުގެ ވަކީލު މަހޭޝް ޖައިން ވަނީ މީގޮނުގެ މެޑިކަލް ރިޕޯޓު ވެސް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މީގޮނުގެ މެޑިކަލް ރިޕޯޓުން ވަރަށް ރަނގަޅަށް މައްސަލަ ސާފުވެއެވެ. މި މައްސަލައިގެ ސަރިޔަތަށް މީގޮނު ވެސް ގެންގޮސްފައިވެ އެވެ.
ބަންވާރީ ލާލްގެ ދިފާއީ ވަކީލު ބުނެފައި ވަނީ، މިއީ އޭނާގެ މުވައްކިލާ މެދު އޮތް ޒާތީ ހަސަދައެއްގެ ސަބަބުން، ހަދައިގެން އުޅޭ މައްސަލައެއް ކަމަށެވެ. އެހެން ނަމަވެސް ދިފާއީ ވަކީލަށް އޭނާގެ މި ވާހަކަތައް ކޯޓަށް ސާބިތުކޮށްދެވިފައެއް ނުވެ އެވެ.