25 Oct 2012, 09:17
އެންމެ ލަސް އުމުރެއްގައި ބައްޕައަކަށް ވުމުގެ ރެކޯޑު އިންޑިޔާ މީހަކަށް ލިބިއްޖެއެވެ. ރާމްޖީތު ރާގަވްއަށް އޭނާގެ ދެވަނަ ދަރިފުޅު ލިބިފައި މިވަނީ އޭނާގެ އުމުރުން އެއް ގަރުނު ވާން ގާތް ވެފައި ވަނިކޮށެވެ. ރާމްޖީތު ރާގަވްގެ އުމުރަކީ 96 އަހަރު ކަމަށް ރަސްމީ ލިޔުންތަކުން ސާބިތުވެ އެވެ. ހިޔަ ފުރިފައިވާ ރާމްޖީތު ރާގަވްގެ އަންހެނުންގެ އުމުރަކީ 54 އަހަރެވެ.
ރާމްޖީތު ރާގަވްގެ އުމުރުގެ މީހަކަށް ކުއްޖަކު ލިބުނުކަން މިހާތަނަށް ރަސްމީކޮށް ރެކޯޑު ކުރެވިފައި ނުވާތީ، ރާމްޖީތު ރާގަވް ވެފައި ވަނީ މިހާތަނަށް އެންމެ ލަސް އުމުރެއްގައި ބައްޕައަކަށް ވީ މީހާއަށެވެ. މީގެ ދެ އަހަރު ކުރީން ވެސް މީޑިޔާގެ ސުރުޚީތަކަށް ރާމްޖީތު ރާގަވްގެ ނަން ވަނީ އަރައިފަ އެވެ. އެއީ އުމުރުން 94 އަހަރުގައި އޭނާއަށް ފުރަތަމައަށް ދަރިފުޅަކު ލިބުމުންނެވެ. މީގެ ސަބަބުން ރާގަވް ވެފައިވަނީ މިހާތަނަށް ރެކޯޑު ކުރެވިފައިވާ ގޮތުން އެންމެ ލަސް އުމުރެއްގައި ފުރަތަމަ ދަރިފުޅު ލިބުނު މީހާއަށެވެ. އެހެން ކަމުން ރާމްޖީތު ރާގަވްއަށް މީގެ ދެ އަހަރު ކުރީން ގާއިމު ކުރެވުނު ރެކޯޑު އޭނާއަށް މި ވަނީ މުގުރައިލެވި އައު ރެކޯޑެއް ގާއިމުކުރެވިފައެވެ.
ރާމްޖީތު ރާގަވް ބުނާ ގޮތުގައި އޭނާގެ މި އުމުރުގައި ވެސް ދުޅަހެޔޮކޮށް ހުރުމުގެ ސިއްރަކީ ކެއިންބުއިމުގެ އާދަ ރަނގަޅުވުމާއި އޭނާގެ ހަރަކާތްތެރިކަމެވެ. އޭނާ ބުނާ ގޮތުގައި އެއްވެސް ކަމަކަށް، އެއްވެސް ކަހަލަ ބޭހެއް އޭނާ ބޭނުމެއް ނުކުރެއެވެ.
ޒުވާން ދުވަސްވަރުގައި ކަސްރަތަށް ސަމާލުކަން ދިން ފަދައިން މިހާރު ވެސް ކަސްރަތަށް ސަމާލުކަން ދޭ އަދި މިހާތަނަށް އެންމެ މީހަކާ ނޫނީ ކައިވެނި ނުކުރާ ރާގަވް ބުނާ ގޮތުގައި އޭނާގެ އުމުރުން 86 އަހަރުގައި، ފުރަތަމަ ފަހަރަށް މީހަކާ އިނުމާ ހިސާބަށް ވެސް ކައިވެނީން ބޭރު އެއްވެސް ނަހަމަ ގުޅުމެއް އޭނާ ހިންގައިފައެއް ނުވެއެވެ. އުމުރުން 86 އަހަރުގައި ރާމްޖީތު ރާގަވް ކައިވެނިކޮށްފައި ވަނީ އޭނާއަށް ވުރެ 42 އަހަރު ހަގު ޝަކުންތަލާ ދޭވީއާއެވެ. އޭރު ޝަކުންތަލާގެ އުމުރަކީ 44 އަހަރެވެ.
ރާމްޖީތުގެ ފުރަތަމަ ދަރިފުޅުގެ ނަމަކީ ވިކްރަމްޖީތެވެ. މި ފަހަރު ލިބުނު ދަރިފުޅަށް ކީ ނަމަކީ ރަންޖީތެވެ.