25 Oct 2012, 08:21
އީދު ބަންދުގައި އަތޮޅުތަކުގައި ބާއްވާ މުބާރާތްތަކުގައި ކުޅެން ކުޅުންތެރިން ބޭނުންވުމުން ގައުމީ ފުޓްބޯޅަ ޓީމުގެ މުބާރާތެއް އެންމެ ފަހު ވަގުތު ކެންސަލްކުރަން ޖެހިއްޖެ އެވެ.
ނަން ހާމަ ކުރުމަށް ނޭދޭ އެފްއޭއެމުގެ އިސްއޮފިޝަލަކު ވިދާޅުވީ ވިއެޓްނާމުގައި މިއަދު ފަށަން އޮތް ވިއެޓްނާމް ފުޓްބޯޅަ ފެޑަރޭޝަން ކަޕުން ފުރުސަތު ލިބުނު ނަމަވެސް ބައިވެރި ނުވެވުނީ ކުޅުންތެރިން އެކަމަށް އުޒުރުވެރިވުމުން ކަމަށެވެ.
"މުހިންމު ހުރިހާ ކުޅުންތެރިން ތިބީ އެކިއެކި ރަށްރަށަށް ދާން ފައިސާ ނަގައިގެން. އެހެންވެ އެންމެ ފަހު ވަގުތު އެ މުބާރާތުގައި ބައިވެރިނުވާން ނިންމީ. އެކަމަކު މުބާރާތުގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ވެސް އެފްއޭއެމުން ކުރިން ދިނިން. ސީޒަންގެ ނިމުން މި މަހުގެ 23ވަނަ ދުވަހަށް އަވަސްކުރީ ވެސް އެ މުބާރާތުގައި ބައިވެރިވުމަށް. އެކަމަކު ކުޅުންތެރިންނާ ވާހަކަ ދެއްކީމަ އެނގުނީ ކުޅުންތެރިން ތިބީ ފައިސާ ވެސް ނަގައިގެން ކަމަށް ޖަމިއްޔާތަކުން،" އޮފިޝަލް ވިދާޅުވި އެވެ.
ޗެމްޕިއަން ޓީމަށް 25000 ޑޮލަރު ލިބޭ ވިއެޓްނާމު މުބާރާތުން އެންމެ ފަހު ވަގުތު ރާއްޖެ ވަކިވުމުން އެ ޖާގަ ދީފައިވަނީ ލާއޯސް އަށެވެ. މި މުބާރާތުގައި ދެން ވާދަކުރަނީ ސައުތު ކޮރެޔާ އާއި ތުރުކުމެނިސްތާނެވެ.
"ކޮންމެހެން މޮޅުނުވިޔަސް މިއީ ވަރަށް ރަނގަޅު ފުރުސަތެއް. އެކަމަކު ދެން މިހާރު ކުރާނެ ކަމެއްނެތް. ކުރިމަގުގައި އެބަޖެހޭ މިކަންކަމަށް ވިސްނަން،" އެފްއޭއެމުގެ އޮފިޝަލް ވިދާޅުވި އެވެ.
މި މުބާރާތުގެ ރަނަރަބް ޓީމަށް ދޭ ގޮތަށް ހަމަޖައްސާފައިވަނީ 10000ޑޮލަރެވެ. ތިން ވަނަ ޓީމަށް 5000 ޑޮލަރެވެ.
މި އަހަރުގެ އަޟުހާ އީދުގައި އެންމެ ގިނަ ކުޅުންތެރިން ޖަމާވާނީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިންތަކެއް އެރަށަކަށް ނިސްބަތްވާ ބ. އޭދަފުށީގައި ބާއްވާ މުބާރާތަށެވެ. މި މުބާރާތުން ފުރަތަމަ ޑިވިޝަނުގައި ކުޅޭ 30ވުރެ ގިނަ ކުޅުންތެރިން ފެނިގެންދާނެކަމަށްވެ އެވެ.