24 Oct 2012, 23:19
ކޯލިޝަނެއްގެ ތެރެއިން ވެރިކަމެއް ކުރައްވަން އެންމެ ގާބިލް ބޭފުޅަކީ ރަައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކަމަށް ގައުމީ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.
ދިޓީވީގައި ރޭ ވާހަކަފުޅު ދައްކަވަމުން ޑރ. ހަސަން ވިދާޅުވީ ކޯލިޝަނެއްގެ ތެރެއިން ނޫން ގޮތަކަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއްވެސް ބޭފުޅަކަށް ކާމިޔާބު ކުރެއްވުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ކޯލިޝަނެއްގެ ތެރެއިން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން އެންމެ ގާބިލް ބޭފުޅަކީ ރައީސް ވަހީދު ކަމަށެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިގެން ފުރަތަމަ ބުރުން ތިން ވަނަ ހޯއްދެވި ޑރ. ހަސަން ވިދާޅުވީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންނާ އަޅާބަލާ އިރު، ޑރ. ވަހީދު ވަނީ އެ މަނިކުފާނު ވެރިކަމުގައި ހުންނަވައިގެން ކާމިޔާބީ ދައްކަވާފައި ކަމަށެވެ. އަދި ވިދާޅުވީ ވަހީދުގެ ވެރިކަމުގެ ބޮޑުބައެއް ހޭދަކުރެއްވީ މަގުމަތީގެ ޕްރެޝަރާއި އަމަންްއަމާންކަން ނަގާލުމަށް ބަޔަކު ކުރި މަަަސައްކަތުގެ ތެރޭގައި ކަމަށާއި ހަމަ އެހެންމެ އިގްތިސޯދު ފުނޑުފުނޑު ކޮށްލަން ކުރި މަސައްކަތްތަކެއްގެ ތެރޭގައި ކަމަށެވެ.
"މި ވޭތުވެ ދިޔަ އަށް މަސް ދުވަހު އެމަނިކުފާނު ހޭދަ ކުރެއްވީ ވަރަށް ދަތި ކޯލިޝަނެއްގައި. އެމަނިކުފާނުގެ ޕާޓީ ތަމްސީލު ކުރައްވާނެ އެންމެ ވަޒީރަކު ވެސް މަޖިލީހަކު ނެތް. ވަރަށް އާދަޔާ ޚިލާފު ކޯލިޝަނެއް ވަހީދު އެ ގެންގުޅުއްވީ. މި ކޯލިޝަނުގައި އެބަ ތިއްބެވި ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާ ދެކޮޅަށް ވާދަކުރައްވާނެ ބޭފުޅުން ވެސް. އަދި އިތުރަށް ރިޔާސީ އިންތިޚާބަށް ވެދެވަޑައިގަންނަވާނެ ބޭފުޅުން ވެސް. އެހެންވީމާ އެ ހުރިހާ ކަމެއްގެ ތެރޭގައި އެމަނިކުފާނު އެ ކޯލިޝަން ގެންގުޅުއްވަނީ،" ހަސަން ވިދާޅުވި އެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި އަދި ފަހުން ރައީސް މުހައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރުކަން ވެސް ކުރެއްވި ޑރ. ހަސަން ވިދާޅުވީ ރައީސް ވަހީދުގެ ވެރިކަމަކީ ސައްހަނޫން ވެރިކަމެއް ކަމަށް މުޅި ދުނިޔެ އަށް ސިފަކޮށްދިނުމަށް ބަޔަކު މަސައްކަތް ކުރަމުން ދިޔަ ދަނޑިވަޅެއްގައި ވެސް ކެތްތެރިކަމާއި ހިކުމަތްތެރިކަމާ އެކު އެކަންކަމާ އެ މަނިކުފާން ކުރިމަތިލައްވައި ކާމިޔާބީ ހޯއްދެވުމަކީ ވެސް އެފަދަ މަގާމަކަށް އެ މަނިކުފާނު ކުފޫހަމަވާކަން ސާބިތުކޮށްދިން ކަމެއް ކަމަށެވެ.
ހަސަން ވިދާޅުވީ ވަހީދުގެ ކޯލިޝަނަކީ ދުނިޔޭގެ ނިސްބަތުން ވެސް ވަރަށް ތަފާތު ކޯލިޝަނެއް ކަމަށާއި ވަހީދަކީ ކޯލިޝަނެއް ގެންގުޅުއްވެވޭނެ ކަމުގެ ތަޖުރިބާ ރައްޔިތުންނަށް އަމަލީ ގޮތުން ދައްކަވާފައި ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ ނަޝީދުގެ ސަރުކާރުގެ ކޯލިޝަން ދެމިގެން ދިޔައީ އެންމެ 21 ދުވަހަށް ކަމަށާއި މި ސަރުކާރުގެ ކޯލިޝަނަށް މިހާރު ވެސް އަށް މަސް ދުވަހަށް ދެމިގެން ހިންގައްޖެ ކަމަށެވެ.