ހަކަތައިގެ އަގު ރާއްޖޭގައި ހިފެހެއްޓެމުން ނުދާ ކަމަށާއި ނަމަވެސް އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ހެޔޮ ކުރެވިއްޖެ ނަމަ ހަކަތައިގެ އަގު ކުޑަކުރުމަކީ ވަރަށް ފަސޭހަކަމެއް ކަމަށް މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އިދާރީ މައްސަލަ ހުށަހެޅުމުގެ ވަގުތުގައި ކަރަންޓް ބިލްތައް ނުދެއްކި ފުނިޖެހިފައިވާ މައްސަލައިގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ކަރަންޓް ބިލްގެ މައްސަލަ ވެސް ހަމައަކަށް އެޅުވުމަށް އެސްޓީއޯ އިން ސްޓެލްކޯ އަށް ތެޔޮ ވިއްކާ އިރު އިތުރު ކުރާ ފައިދާގެ މިންވަރު ބަލައި އެ އަދަދު ކުޑަކުރެވިއްޖެ ނަމަ ކަރަންޓްގެ އަގު ހެޔޮ ކުރުމަކީ ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށެވެ.

"ހަކަތައިގެ އަގުތައް މިއީ ކޮންޓްރޯލް ކުރެވޭނެ ކަމެއް. އެކަން އަޅުގަނޑުމެންނަށް ނުކުރެވި މިދަނީ،" އެސްޓީއޯގެ ޗެއާމަން ކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ޔާމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ހަކަތައިގެ އަގުތައް އެއްހަމައެއްގައި ހިފަހައްޓަން މިހާރުން މިހާރަށް ވެސް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ޔާމީން މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ސްޓެލްކޯ އަށް ދެކޮޅު ނުޖެއްސިގެން ދަނީ އެސްޓީއޯ އިން ވިއްކާ ތެލުގެ އަގަށް ބޮޑު މާޖިންއެއް ލައިގެން އެ ތެޔޮ ވިއްކާތީ ކަމަށާއި އެގޮތުން ފީފާއަކުން 30 ޑޮލަރުގެ ފައިދާއެއް އެ ކުންފުނިން ނަގާ ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި އެއީ އެކަން ކުރާ ގޮތެއް ނޫން ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ޔާމީން އެގޮތަށް ވާހަކަ ދެއްކެވި އިރު ރޭ ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވެފައި ވަނީ ގިނައިން ކަރަންޓް ބޭނުންކުރާ ތަންތަނުން ވެސް ކަރަންޓަށް ބޮޑު އަގެއް ޗާޖް ކުރާ ކަމަށާއި މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަންކުރާ ގޮތެއް ނޫންކަމަށެވެ.

ތެލަށް ކުރަން ޖެހޭ އަދަދު އިތުރުވެފައި ވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ދާދިފަހުން ކަންބޮޑުވުން ފާޅުކުރައްވައި އެކަން ދުނިޔޭގެ ސަމާލުކަމަށް ގެންނަވާފަ އެވެ. ރައީސް ސިފަކުރެއްވީ އެއީ ރާއްޖޭގެ ތަރައްގީ އަށް އޮތް ހުރަހެއް ކަމަށެވެ.