24 Oct 2012, 22:05
ސަބްސިޑީގެ ގޮތުގައި މަސްވެރިންނަށް ދިނުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ތެލުގެ ސަބްސިޑީ އަންނަމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ދޭ ގޮތަށް ނިންމާފައިވާކަމަށް ފިސަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވެލާނާގެ ޕްރެސްރޫމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މިއަންނަ މަހު އެކަކުން ފެށިގެން ސަބްސިޑީ ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި ސަބްސިޑީ ދޫކުރުމަށް ނިންމާފައިވަނީ އެކަމަށް އެދި ރަޖިސްޓްރީކޮށްފައިވާ ދޯނިފަހަރަށް ކަމަށެވެ. އަދި ބުނީ އެ ޕްރޮގްރާމްގެ ދަށުން ފައިސާ ދޫކުރާނީ ކޮންމެ މަހެއްގެ 15 ދުވަހުން 15 ދުވަހަށް ކަމަށެވެ
"ތެލަށް އެދި ހުށައަޅަން ޖެހޭ ސަބްސިޑީ އެދި ހުށައަޅަން މިޖެހެނީ 15 ދުވަހު މަހަށް ގޮސްފައި އައިސް. އެ 15 ދުވަހުގެ މައުލޫމާތާ އެކު ތެލުގެ ސަބްސިޑީއަށް އެދި މިނިސްޓްރީއަށް ހުށަޅާ ފޯމް މެދުވެރިކޮށް ހުށައަޅާނީ އަދި އެ ފޯމާ އެކު ހުރިހާ މައުލޫމާތުތަކެއްވެސް ހުށައަޅަންޖެހޭ،" ރަޝީދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެ ފޯމާއި ހުށަހަޅަން ޖެހޭ މައުލޫމާތުތަކާ އެކު އަންނަ މަހުގެ 18 ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ހުށައަޅަންޖެހޭނެ ކަމަށާއި އޭރުން ހަފްތާއެއްގެ ތެރޭގައި ސަބްސިޑީ ދެވޭނެ ކަމަށެވެ. އަދި އެ ފޯމް މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީން ލިބެންހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ. ހުށައަޅަންޖެހޭ މައުލޫމާތުތަކުގެ ތެރޭގައި މަސްވެރިކަމުގައި ބޭނި މަހާއި ވިއްކި ގޮތްތަކާއި ތެލަށް ކުރި ހަރަދުތަށް ހިމަނަންޖެހެ އެވެ.
ރަޝީދު ވިދާޅުވީ އަންނަ މަހުގެ އެކަކުން ފެށިގެން މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދިނުމަށް ނިންމާފައި ވާއިރު ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ގޮތަށް ތެލުގެ ސަބްސިޑީގެ ގޮތުގައި މިއަހަރު ދޫކުރާނީ 99 މިލިއަން ރުފިޔާކަމަށެވެ. އެގޮތުން ސަބްސިޑީ ދޫކުރަންނިންމާފައިވަނީ ތެލަށް ހިނގާ ހަރަދުގެ 20 ޕަސެންޓް އެވެ. އަދި ވިދާޅުވީ ސަބްސިޓީ ދިނުމަށް ނިންމާފައިވަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށާއި އެއީ ދެ ހޯސްޕަވަރާއި 72 ހޯސްޕަވަރާއި ދެމެދުގެ އިންޖީނު ހުރި ދޯނި ފަހަރާއި 75 ހޯސްޕަވަރާއި 350 ހޯސްޕަވަރުގެ އިންޖީނުގެ ހުރި ދޯނިފަހަރާއި 355 ހޯސްޕަވަރުން މަތީގެ ދޯނިފަހަރަށު ކަމަށެވެ.