ދައުލަތުގެ މާލިއްޔާއިން އާންމު އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ގިނަ ބިލްތައް އަދިވެސް ދައްކާފައި ނުވާތީ އާއި ބަޖެޓް އެކުލަވާލުމުގައި ސަރުކާރުގެ ސިޔާސަތު ސާފުކުރުމަށް ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުމަށް އެ ކޮމެޓީން ނިންމައިފި އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގައި ފިނޭންމިނިސްޓާ ޖިހާދު ކޮމެޓީއަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އެ މައްސަލަ ހުށަހަޅުއްވަމުން އިލްޔާސް ވިދާޅުވީ އާންމު ފަރާތްތަކަށް ސަރުކާރުން ދައްކަން ޖެހޭ 31 މިލިއަން ރުފިޔާގެ ބިލް ނުދައްކާ އޮތުމުން އެތައް ކުންފުންޏަކަށް އޭގެ އަސަރު ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުގެ ދާއިރާގެ ވަރަށް ގިނަ ކުންފުނިތައް މީގެ ތެރޭގައި އެބައުޅޭ. އެ ކުންފުނިތަކުން ކޮންމެ މަހެއްގެ 28ގެ ކުރިން ޖީއެސްޓީއާ އެއްޗިހި ދައްކަން ޖެހޭއިރު ކުންފުނިތަކަށް ފައިސާއެއް ނުދެއްކޭ ސަރުކާރުން ފައިސާ ނުލިބިގެން،" އިލްޔާސް ވިދާޅުވި އެވެ.

އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ނޮޅިވަރަށް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް) އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރުމާ އެކު ބައެއް އިތުރު އެހެން މެންބަރުންވެސް ވިދާޅުވީ ބަޖެޓް މެނޭޖް ކުރާ ގޮތާއި ކުރިއަށް އޮތް ބަޖެޓް އެކުލަވާލައި ގޮތާ ގުޅޭގޮތުންވެސް މައުލޫމާތު ސާފުކުރަން ފިނޭންސް މިނިސްޓަރު ކޮމެޓީއަށް ހާޒިރުކުރަން ޖެހޭ ކަމަށެވެ.

މިއަދުގެ ކޮމެޓީ ނިންމާލެއްވީ ފިނޭންސް މިނިސްޓަރު ކޮމެޓީއަށް ހާޒިރުކޮށް މެންބަރުން ބޭނުންވާ މައުލޫމާތުތައް ސާފުކުރަން އެ މައްސަލަ އެޖެންޑާ ކުރަން ނިންމައިފަ އެވެ.

މީގެ ކުރިންވެސް ފިނޭންސް މިނިސްޓާ ވަނީ ދެފަހަރެއްގެ މަތިން މާލިއްޔަތު ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.