މިއަހަރުގެ ފިތުރު (ކުޑަ އީދު) ނަމާދެކޭ އެއްފަދައިން މިފަހަރުގެ ޢަލްހާއީދު (ބޮޑު އީދު) ނަމާދުވެސް ސްޓޭޑިއަމް ސަރަހައްދުގައި ކުރެވޭނެ އިންތިޒާމް ހަމަޖައްސަން އިސްލާމިކް މިނިސްޓްރީއިން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާ އަސަދުﷲ ޝާފީ މިއަދު ވިދާޅުވީ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އީދު ނަމާދު ކުރެވޭ ގޮތައް އެތަން ތައްޔާރު ކުރުމުގެ ބޭނުމަކީ ކުރިއެކޭ ވެސް އެއްފަދައިން ބޮޑު ޖަމާޢަތެއްގައި އެއް ފަހަރާ އެތައް 1000 ބަޔަކަށް ޢީދު ނަމާދުގައި ބައިވެރިވެވޭނެ ފުރުސަތު ހޯދައި ދިނުން ކަމަށެވެ. އެގޮތުން މިފަހަރު އެ ސަރަހައްދުގައި އެއް ފަހަރާ 100،000 މީހުންނަށް ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ޝާފީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ މިފަހަރު ސްޓޭޑިއަމް ސަރަހައްދުގައި މަދުވެގެން 100،000 މީހުންނަށް ޢަލްހާ އީދު ނަމާދު ކުރެވޭ ގޮތަށް ޖާގަ ހަމޖެއްސޭތޯ،" އަސަދުﷲ ވިދާޅުވި އެވެ.

އަސަދުﷲ ވިދާޅުވީ ސްޓޭޑިއަމް ސަރަހައްދު މިފަހަރުވެސް ތައްޔާރު ކޮށްފައި ވާނީ އަހެނުންނާއި ކުޑަކުދިންނަށް ވަކިން އީދު ނަމާދު ކުރެވޭނެ ގޮތަށް ކަމަށެވެ. އަދި އެ ބިން ބޭނުން ކުރުމުގެ ހުއްދަ މިހާރުވެސް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ސްޓޭޑިއަމް ސަރަހައްދުގައި ކުރެވޭ އީދު ނަމާދުގެ ސެކިޔުރިޓީ ބެލެހެއްޓުމަށް އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ސްކައުޓުންނާއި ކެޑޭޓުންނާއި އަދި ގާލްގައިޑުން ވެސް ހަރަކާތްތެރި ވަމުން ގެންދާނެ ކަމަށް އިސްލާމް މިނިސްޓްރީން ބުންޏެވެ.

އަސަދުﷲ ވިދާޅުވީ އީދު ނަމާދަށް ދާ މީހުންނަށް އަމީނީ މަގާއި ބޮޑު ތަކުރުފާން މަގުން ސްޓޭޑިއަމްއަށް ވަދެވޭނެ ކަމަށާއި އަދި ސްޓޭޑިއަމްގެ ތިން ދިމާލެއްގައި ހުންނަ ގޭޓްތަކުން އެތަނަށް ވަދެވޭނެ ކަމަށެވެ.

ސްޓޭޑިއަމް ސަރަހައްދުގައި އަމަލުކުރަން ޖެހޭނެ އުސޫލުތަކަށް ބިދޭސީން ހޭލުންތެރި ކުރުވުމަށް ދުރާލައި އެ މީހުންގެ ބަހުން ލީފްލެޓް ބެހުމާއި އަދި ޓީވީ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ކެޑޭޓުން ވަނީ ރާވައިފަ އެވެ.

މާފަންނު ސްޓޭޑިއަމްގައި އީދު ނަމާދު ބޭއްވި ނަމަވެސް އިސްލާމީ މަރުކަޒާއި މާލޭގެ ބޮޑެތި މިސްކިތްތަކުގައި އީދު ނަމާދު ކުރުން ބާއްވާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ކުޑަ އީދު ނަމާދަށް 50،000 މީހުން ސްޓޭޑިއަމް ސަރަހައްދަށް ޖަމާވި ކަމަށް އިސްލާމިކް މިނިސްޓްރީން ލަފާކުރެ އެވެ.