ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމެޓީ އަށް ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ މައްސަލަ ބައްލަވައި ފަޑިޔާރުން ހާޒިރުނުވުމަކީ، އެ ފަޑިޔާރުން މަޖިލީހާ އެކު "ގޭމް ކުޅުއްވަން"، (ކުޅިވަރުކުޅެން) އުޅުއްވުން ކަމަށް އެ ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

"މި މައްސަލައިގައި މިހާރު މި ފެންނަނީ'ކެޓް އެންޑް މައުސް' ގޭމެއް ކުޅޭތަން ނުވަތަ ހައިޑް އެންޑް ސީކް' [ފީކޮއި] ކުޅުއްވާ ތަން. އެހެންވީމާ ރައްޔިތުންގެ މަޖިލީހާ ޖުޑިޝަރީއާ މިދަނީ ހައިޑް އެންޑް ސީކް ނުވަތަ ކެޓް އެންޑް މައުސް ގޭމަކަށް،" ދެ ފަހަރަށް ކޮމެޓީ އަށް ހާޒިރުވުމަށް އެންގުމުން ވެސް ފަނޑިޔާރުން ހާޒިރު ނުވި މައްސަލައިގައި އަލީ ވަހީދު މިއަދު ވިދާޅުވި އެވެ.

ކޯނީގެ ރިޕޯޓުގެ ދިރާސާއަކަށް ކަމަށް ބުނެ ނަޝީދު މައްސަލަ ބައްލަވައި ތިން ފަނޑިޔާރުން ކޮމެޓީ އަށް ހާޒިރުކުރަން އަންގާފައި ވަނީ މިއަދު 11:00 ޖަހާއިރަށެވެ. ނަމަވެސް ސަބަބެއް އެންގުމަކާނުލައި އެ ފަޑިޔާރުން ކޮމެޓީ އަށް ހާޒިރުވެވަޑައިގެންފައެއްނުވެ އެވެ.

އަލީ ވަހީދު ވިދާޅުވީ ޒާތީ ތައައްސުބެއް ބާއްވައިގެން އެއްވެސް މީހަކު ކޮމެޓީ އަށް ހާޒިރު ނުކުރާނެ ކަމަށާއި އެ ކޮމެޓީން އެއްވެސް މީހެއްގެ އިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭނެ ކަމެއްވެސް ނުކުރާނެ ކަމަށެވެ.

"ކޮމިޓީގެ އަގުލަބިއްޔަތުން ނިންމާ ކަންކަން މުގައްރިރުގެ ހައިސިއްޔަތުން އަޅުގަނޑު ތަންފީޒު ކުރާނަން. އެއްވެސް ޒާތީ ކަމެއް އަޅުގަނޑުމެންގެ ނެތް،" އަލީ ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކޮމެޓީގައި އިންނަވައި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވީ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް އެ ފަނޑިޔާރުން ހާޒިރު ކުރަނީ ރައީސް ނަޝީދުގެ މައްޗަށްކުރާ ދައުވާއާ ބެހޭ ސުވާލު ކުރަން ނޫން ކަމަށެވެ. އެ ފަނޑިޔާރުން ކޮމެޓީ އަށް ހާޒިރުކުރަނީ ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ކޯނީގެ ރިޕޯޓްގައި ހިމަނާފައި ހުރި ކަންތައްތަކާ ގުޅޭ ގޮތުން ކުރާ ދިރާސާއަކަށް މައުލޫމާތު ހޯދުމަށް ކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ.

"ކޮމިޝަން [ކޯނީގެ] ރިޕޯޓުގައި ޖުޑިޝަރީ އާއި ސަލާމަތީ ޚިދުމަތް ތަކަށް ރައްޔިތުންގެ ތެރެއިން ބަޔަކު އިތުބާރު ނުކުރާ ކަމަށް ހިމަނާފައިވޭ، ފަނޑިޔާރުން ހާޒިރު ކުރަނީ އެ ކަންކަމާ ބެހޭ ގޮތުން ސުވާލު ކުރުމަށް ރައްޔިތުންގެ ތެރެއިން ކޮންމެ މީހަކު ވެސް ބޭނުންވެއްޖެ ހިދެއްގައި މަޖިލީހަށް ހާޒިރުކުރެވޭނެ،" ހަމްޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދިރާސާގައި ހަމައެކަނި ސުވާލުކުރަނީ ފަޑިޔާރުންނާއި ނޫން ކަމަށާއި އެ ފަޑިޔާރުންގެ ފަރާތުން އެ ދިރާސާއަށް މައުލޫމާތު ނަގަން ބޭނުން ވަނީ ގިނަ ބަޔެއްގެ ނަޒަރު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުއްޓިފައިވާތީ ކަމަށެވެ. އެ ކޮމެޓީން ހުރިހާ ފެންވަރެއްގެ މީހުންނާ ސުވާލުކުރާނެ ކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ.

"ކޮމެޓީން ވަރަށް ގިނަ ބޭފުޅުންނާ ސުވާލު ކޮށްފަ ހުންނާނީ. ހުސްއެކަނި މި ތިންބޭފުޅުންނަކާ ނޫން. ޝަރުއީ ދާއިރާގެ ބޭފުޅުންނާ ސުވާލު ކުރައްވާނެ. ފުލުހުންނާ ސުވާލު ކުރައްވާނެ. ދެން ހަމަ އެކަނި މި ކޯޓެއްނޫން، އެހެން ކޯޓުތަކާ ވެސް ސުވާލު ކުރައްވާނެ،" ހަމްޒާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ސުޕްރީމް ކޯޓުން ވެސް އަދި ޖޭއެސްސީން ވެސް ބަޔާން ނެރެ ބުނެފައި ވަނީ އެކި ފަރާތްތަކަށް ފަޑިޔާރުން ޖަވާބުދާރީ ކުރުމަކީ ހުއްދަކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ "އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެ" ކަމަށެވެ.