15:40


ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ހަވީރު ސަންއެމުން ގެނެސްދިން "ފިނިއަށި" ޝޯގެ އެއްވަނަ ބައިވެރިއާ އަށް ހޮވުނު ފަރާތަށް ފަސް ހާސް ރުފިޔާގެ ފައިސާ އިނާމް މިއަދު ހަވާލުކޮށްފި އެވެ.


ތަފާތު ހެއްވާ މަޖާ ގޭމްތަކާއި މުނިފޫހިފިލުވައިދިނުމުގެ އެކި ރަހަތައް ހިމަނައިގެން ރޯދަ މަހުގެ ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ފެށިގެން ދޮޅު ގަޑިއިރަށް ކުރިއަށްގެންދިޔަ ފިނިއަށި ޝޯގެ އެއް ވަނަ ބައިވެރިޔާ އަށް ހޮވުނު ކ. ތުލުސްދޫ، ޔެލޯ ރޯސް، އައިޝަތު ސީމާ އަށް ފައިސާގެ އިނާމް ހަވާލު ކުރުމަށް މިއަދު ސަންއެފެއެމްގައި ބޭއްވި ރައްމިއްޔާތެއްގައި އިނާމް ހަވާލުކޮށްދެއްވީ ފިނިއަށި ޕްރޮގްރާމްގެ އެކްސްކްލޫސިވް ސްޕޮންސަރ، ބާން އެނާޖީ ޑްރިންކް، މޯލްޑިވްސް އެރޭޓެޑް ވޯޓަރ ކޮމްޕެނީގެ ސީއޯއޯ ކޭ. މުކުންދު މެނަން އެވެ.


މިއަދު މެންދުރު ސަންއެފްއެމް ކޮންފަރެންސް ހޯލްގައި އޮތް އެ ރަސްމިއްޔާތުގައި ސަންއެފްއެމްގެ ސީއީއޯ ސިނާން އަލީ އާއީ ސީއޯއޯ މުހައްމަދު ޝަހީބްގެ އިތުރުން ޕްރޮގްރާމް ކޮންސަލްޓަންޓް ފަރެސް މުހައްމަދު އާމީރާއި މުވައްޒަފުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައި އެވެ.


ތުލުސްދޫ ކޯޓުގައި ވަޒީފާ އަދާކުރަމުން އަންނަ އުމުރުން 32 އަހަރުގެ ސީމާ ފިނިއަށި ޕްރޮގްރާމްގެ އެއް ވަނަ ހޯދީ، ފައިނަލްގައި ވާދަކޮށް ގަދަ ހިފުމަކަށް ގޮސްގެން ތިން ބައިވެރިންނާއެކު ދޫފުރޮޅި ކިޔައިގެން ކުރި ހޯދައިގެން ނެވެ.


ސަންއެފްއެމް ޕްރޮގްރާމް ޑިޕާޓްމަންޓުން ބުނިގޮތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފިނިއަށި ޝޯ އަށް ލިބުނު ތަރުހީބު ވަނީ ވަރަށް ބޮޑަށް އިތުރުވެގެންގޮސްފަ އެވެ. އެގޮތުން ޝޯގެ ބައިތަކުގެ ތެރޭގައި ހިމެނޭ ސިޔާސީ އަޑާއި، ދުވަހުގެ އަރަތުގެ އިތުރުން ޕްރޮގްރާމަށް ފޮނުވި އެކިއެކި އެސްއެމްއެސްތަކުގެ އަދަދު ވެސް ވަރަށް މަރި ކަމަށް ޕްރޮގްރާމް ޑިޕާޓްމަންޓުން ބުންޏެވެ. އެހެންކަމުން ޝޯ އަށް ލިބުނު ކާމިޔާބީ އަށް ބަލައި، އަންނަ އަހަރުވެސް އަގުހުރި އިނާމްތަކަކާއެކު ފިނިއަށި ކުރިއަށް ގެންދިއުމަށް ޕްރޮގްރާމް ޑިޕާޓްމަންޓުން ވަނީ ނިންމައިފަ އެވެ.