24 Oct 2012, 17:00
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައި ވަނީ ދުރާލައި ރާވައިގެން ކަމަށާއި އެއީ ވަރަށް ތަފާތު ބޮޑު ގޮތަކަށް ހިންގާފައިވާ އަމަލެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މި މަހުގެ ދެ ދަވަނަ ދުވަހު އަނިޔާވެރި ގޮތަކަށް އަވަހާރާކޮށްލި ޑރ. އަފްރާޝިމް އަލީގެ މަރާ ގުޅިގެން ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން ސުޕްރިޓެންޑެޓް އޮފް ޕޮލިސް މުހަންމަދު ރިޔާޒް މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ބައެއް ފަރާތްތަކުން މައްސަލައިގެ ސްޕީޑާއި މީޑިއާ އަށް ހާމަކުރާ މައުލޫމާތާ މަދުކަމާ ދޭތެރޭ ސުވާލު އުފައްދަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް ހިނގާފައި ހުރި މަރުގެ މައްސަލަތަކާ ޑރ. އަފްރާޝިމްގެ މަރާ ތަފާތު ކަމަށެވެ.
"މި މައްސަލައަކީ ރާއްޖޭގައި މިހާތަނަށް ހިނގާފައި ހުރި މަރުގެ މައްސަލަތަކާ ބަލާ އިރު ތަފާތު ބޮޑު މައްސަލައެއް. އަދި މައްސަލައިގެ ބާވަތާއި ކަން ހިނގާފައިވާ ގޮތަށް ބަލާ އިރު ހޯދިހޯދުންތަކުން ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މައްސަލަ އެއް،" ރިޔާޒު ވިދާޅުވީ އެވެ.
ރިޔާޒު ވިދާޅުވީ ގިނަ ފަހަރަށް މީހުން ހައްޔަރު ކުރަނީ ކުށުގެ ވެށިން ކަމަށާއި އެކަމުގެ ސަބަބުން ތަހުގީގު ކުރިއަށްގެންދިއުމަށް ފަސޭހަ ވެގެންދާ ކަމަށެވެ. އަދި އެކަން ކުރާ ފަރާތްތަކުން އެއްބަސްވެ ތަހުގީގަށް އެއްބާރުލުންދޭ މިންވަރުން އެކަން ޝަރޫއީ މަރުހަލާއަށް ފޮނުވުން އަވަސްވެގެންދާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ތަފާތު ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އަވަސް އަރުވާލާފައި ތަހުގީގު ކުރުމެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ ފުރިހަމަ ތަހުގީގެއް ކޮށް މި މައްސަލައިގައި ޝާމިލުވާ ފަރާތްތައް ތަހުގީގުގެ ކުރިމައްޗަށް ގެނައުން،" ރިޔާޒު ވިދާޅުވީ އެވެ.
ޑރ. އަފްރާޝިމް އަލީގެ މަރާ ގުޅިގެން ހެކީގެ ގޮތުގައި 200 އައިޓަމް ބަލައި ތަހުލީލު ކުރަމުން އަންނައިރު ފުލުހުން އެއްކޮށްފައިވާ ސީސީޓީވީ ފްޓޭޖްތަކާއި ފޯންކޯލްތައް އަދި ޝައްކުކުރެވޭ ބައެއް ތަންތަނާއި އެރޭ އަފްރާޝީމާ ބައްދަލުވި މީހުންގެ ފަރާތުން މައުލޫމާތު ހޯދަމުން އަންނަ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި އެ މައްސަލައިގައި އެއްކުރެވިފައިވާ ފޮރެންސިކް ހެކިތައް ބެލުމުގައި އެފްބީއައި އާއި ސިންގަޕޫރު ފުލުހުންނާއި އެމެރިކާ ފުލުހުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އަފްރާޝިމް އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން މިހާރު ބަންދުގައި ތިބީ ފަސް މީހަކު ކަމަށެވެ. ނަމަވެސް އެ މީހުންނާ ބެހޭ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ހަ މީހުންގެ ތެރޭގައި ހިމެނޭ ނާއިފާ ކްރިމިނަލް ކޯޓުން ވަނީ މިމަހުގެ 18 ވަނަ ދުވަހު ދޫކޮށްލައިފަ އެވެ.
އަފްރާޝިމް އަވަހާރަކޮށްލާފައި އޮއްވައި ފެނިފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގޭގެ ދޮރުމަތިންނެވެ.
އަފްރާޝިމްގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް 80 ވަރަކަށް ފުލުހުން މަސައްކަތް ކުރެ އެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ޝަރީއަތަށް ސާބިތުކޮށް ދެވޭ ވަރުގެ ހެކި ހުށަހަޅާ މީހަކަށް 500،000ރ. ދޭނެ ކަން ފުލުހުން ވަނީ އިއުލާން ކޮށްފަ އެވެ. އަދި އެ މީހެއްގެ މައުލޫމާތު ސިއްރުކޮށްދޭނެ ކަމަށް ފުލުހުން ބުނެ އެވެ.