24 Oct 2012, 16:45
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ރ. އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފި އެވެ.
އުނގޫފާރު ދާއިރާ އަށް ކުރިމަތިލި ތިން ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނަގައި، ނަންތައް ތަރުތީބު ކުރުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ގުރުގެ ތަފްސީލް ހާމަކޮށްފަ އެވެ.
އެގޮތުން އަމިއްލަ ގޮތުން އިންތިހާބަށް ކުރިމަތިލާފައިވާ މއ. ތިބްރޯޒް، މާލެ، ނާޖިހު ޖިނާހު އަށް ކެންޑިޑޭޓް ނަންބަރު އެކެއް ލިބިފައިވާ އިރު ކެންޑިޑޭޓް ނަންބަރު ދޭއް ލިބިފައި ވަނީ ޕީޕީއެމްގެ ފަރާތުން ކުރިމަތިލެއްވި ރ. އުނގޫފާރު، ގުލްފާމުގެ، އިބްރާހީމް އަމީނަށެވެ.
އަދި ކެންޑިޑޭޓް ނަންބަރު ތިނެއް ލިބިފައި ވަނީ އެމްޑީޕީގެ ޓިކެޓްގައި ކުރިމަތި ލައްވާފައިވާ ރ. އުނގޫފާރު، ރިވެލި، ޑރ. އަހްމަދު އަޝްރަފަށެވެ.
އުނގޫފާރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމާ ގުޅިގެން އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.