ލ. ގަމު ފިހާރައެއްގެ ސޭޓެއްގެ އަތުގައި ކަނޑިން ޖަހައި އަތް ބުރިކޮށްލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ލ. ގަން، މަތިމަރަދޫ އަވަށު މާހަލް، މުހައްމަދު ހަލީމާއި، ހަމަ އެ އަވަށު ބޭސްގޭ އަހުމަދު ވަޖީހާއި އެ އަވަށު ދަނބުރުށްދޮށުގޭ އިބްރާހިމް ރިޒާ އާއި ހަމަ އެގޭ ހުސެއިން ރިޒާގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ މެއި ފަސް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެރަށު "މޮރާޑޯ" ފިހާރައިގައި އިން ސޭޓްގެ އަތުގައި ކަނޑިންޖަހައި އޭނާ އާ މެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ދައުލަތުން ކުރި ދައުވާ އަށް އެ ހަތަރު މީހުން ވެސް އިންކާރު ކޮށްފައިވާކަމަށެވެ. އަދި އެ މީހުން ދައުވާއަށް އިންކާރުކޮށްފައި ވާއިރު ދައުވާ ސާބިތުކުރެވޭ ވަރުގެ ހެކި ޝަރީއަތަށް ލިބިފައި ނުވާތީ އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ހުކުމުގައިވެ އެވެ.

"..... ދައުލަތުން ކުރެއްވި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހެެއްގެ ހަށިގަނޑަށް ގެއްލުންދިނުމުގެ ކުށުގެ މި ދައުވާއަށް މި ހަތަރު މީހުން ވެސް އިންކާރުކޮށްފައިވާތީ އާއި، މި ހަތަރު މީހުންގެ މައްޗަށް ދައުލަތުން ކުރެއްވި ދައުވާ ސާބިތުވާވަރުގެ ހެކި ލިބިފައި ނުވާތީ ދައުލަތުން މި ހަތަރު މީހުންގެ މައްޗަށް ކުރެއްވި ދައުވާ ސާބިތު ނުވާކަމަށް ހުކުމްކޮށް މައްސަލަ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.