24 Oct 2012, 16:25
މޯލްޑިވްސް ބްރޮޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)އަށް ދިމާވެފައިވާ ފައިސާގެ ދަތިކަން ހައްލުކުރަން އެ ކުންފުންޏާއި ފިނޭންސާ ދެމެދު މަޝްވަރާކޮށް ގޮތްތަކެއް ކަނޑައެޅުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މި މަހުގެ ނިޔަލަށް މުހުލަތެއް ދީފި އެވެ.
އެ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ބަހުސް ކުރެއްވީ އޮކްޓޯބަރު ނޮވެމްބަރު އަދި ޑިސެމްބަރުގައި އެ ކުންފުނީގެ ހަރަދުތައް ހަމަޖެއްސޭނެ ގޮތެއް ހޯދުމަށް އެމްބީސީން އެ ކޮމެޓީގައި އެދިފައި ވާތީ އެ މައްސަލައާ މެދު އެވެ. ކޮމެޓީއަށް ހާޒިރުވެ ވަޑައިގަތް ހުރިހާ މެންބަރުންވެސް ޕަބްލިކް ބްރޮޑްކާސްޓަރެއްގެ މުހިންމުކަން ފާހަގަ ކުރައްވާ އެ ކުންފުނީގެ ހަރަދުތައް ހަމަޖައްސަން ފައިސާ ދޫކުރަން ޖެހޭނަކަމަށް އެއްބަސްވެ ވަޑައިގަތެވެ.
ނަމަވެސް މެންބަރުން ހިޔާލު ތަފާތުވީ މުޅި މައްސަލަ ނުބަލައި ހުށަހެޅިފައި އޮތް އަދަދަށް ފައިސާ ދޫކުރުމަށް ފިނޭންސަށް ހުއްދަ ދޫކުރުމާ މެދު އެވެ. އެގޮތުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ އެމްބީސީގައިވެސް މައްސަލަތައް އެބަ ހުރި ކަމަށާއި އެކަންތައްތައް ރަނގަޅަށް ބެލުމަށް ފަހުގައި ނޫނީ އެއްވެސް ފައިސާއެއް ދޫކުރުމަށް އޭނާ ތާއިދު ނުކުރައްވާ ކަމަށެވެ. އަދި ދައުލަތައް މިހާ ބޮޑު މާލީ ދަތިކަމެއް އައިސްފައިވާއިރު އެމްބީސީން ބުނާ އަދަދަށް ފައިސާ ދޫކުރަން ކޮމެޓީން ހުއްދަ ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ބުނެވިދާނެ ފައިސާ ދޭށޭ. އެކަމަކު ނެތް އެއްޗެއް ކިހިނެތްތޯ ދޭނީ. އެހެންވީމައި އަޅުގަނޑަށް ފެންނަނީ ފައިސާ އަސްލު ބޭނުންވާ އަދަދާއި ހަރަދުކުރެވިފައި އޮތްގޮތް ބަލަން ސްޕެޝަން އޮޑިޓެއް ހެނދުން. އަދި އެއާ އެކު ޕާފޯމަންސް އޮޑިޓެއް ހެނދުން،" ޖާބިރު ވިދާޅުވި އެވެ.
ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ހުށަހެޅުއްވީ، އެމްބީސީން މިއަހަރަށް ކުރަން ހުރި ހަރަދުތަކަށް ފައިސާ ދޫކުރުމަށް ފިނޭންސާއި އެމްބީސީން މަޝްވަރާކޮށް ގޮތްތަކެއް ނިންމުމަށް އެއްހަފްތާގެ މުހުލަތެއް ދިނުމަށް ފަހު އެ ނިންމެވި ގޮތް ކޮމެޓީއަށް ހުށަހެޅުމަށެވެ. އަދި އެ ކުންފުންޏަށް ޒަމާނީ ބަދަލުތައް ގެނެސް ހަރަދުކުޑަކުރެވޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ހަމްޒާ ހުށަހެޅުއްވި އެވެ.
މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވީ އެމްބީސީއަށް ފައިސާ ދިނުމާ މެދު އޭނާވެސް އިއުތިރާޒް ނުކުރައްވާ ކަމަށާއި ނަމަވެސް އެމްބީސީން ފައިސާ ހަރަދުކުރުމުގައި އަމަލުކޮށްފައިވާ ގޮތާއި އަދި އިތުރަށް ބޭނުންވާ ފައިސާ ހަރަދުކުރުމަށް ރާވާފައިވާ ގޮތް ސާފުކުރުމަށް އެމްބީސީ އާއި ފިނޭންސްގެ އޮފިޝަލުން މަޖިލީހަށް ހާޒިރުކުރަން ޖެހޭ ކަމަށެވެ.
މެންބަރުންގެ ހުށަހެޅުންތަކަށް ފަހު މިއަދުގެ ރިޔާސަތު ބެލެހެއްޓެވި ކޮމެޓީގެ ނައިބު މުގައްރިރު އަލިފުށީ ދާއިރާގެ އަލީ ނާޝިޒް މެންބަރުންނާއި މަޝްވަރާކުރެއްވުމަށް ފަހު މެންބަރުންގެ ރުހުމުގެ މަތިން ނާޝިޒް ނިންމެވީ އެމްބީސީގެ އޮޑިޓެއް ކުރުމަށް އޮޑިޓާ ޖެނެރަލަށް އެންގެވުމަށާއި އަދި އެމްބީސީގެ ފައިސާގެ ދަތިކަން ހައްލުކުރަން ފިނޭންސާއި އެމްބީސީ މަޝްވަރާކޮށް މި މަހުގެ 31ގެ ކުރިން ނިންމާ ގޮތެއް ކޮމެޓީއަށް އެންގެވުމަށެވެ.
"އަޅުގަނޑުމެން އެބޭފުޅުންނަށް މި މުހުލަތު ދީފައި އެބޭފުޅުންނަށް ގޮތެއް ނުނިންމިއްޖެ ނަމަ މި ކޮމެޓީއަށް އެބޭފުޅުން ހާޒިރުކުރާނީ، އެއަށް ފަހު މި ކޮމެޓީން ބަލައި އެ ފައިސާ ދޭނެ ގޮތްތަކެއް ކަނޑައަޅާނީ. އަދި އަޅުގަނޑުމެންގެ ނިންމެވުން [އޮޑިޓެއް ކުރަން] އޮޑިޓާ ޖެނެރަލަށްވެސް އަންގާނަން،" ކޮމެޓީ ނިންމަވާ ލައްވަމުން ނާޒިޝް ވިދާޅުވި އެވެ.
ކޮމެޓީގެ ބައެއް މެންބަރުން ހާމަކުރެއްވި ހިސާބުތަކަށް ބަލާއިރު ކުރިއަށް މިއޮތް ތިން މަސްދުވަހުގެ ހަރަދަށް ކޮންމެ މަހަކު 16.4 މިލިއަން ރުފިޔާހގެ މަގުން އެމްބީސީން އެދިފައިވަނީ ޖުމްލަ 44.8 މިލިއަން ރުފިޔާ ހޯދުމަށެވެ.
އެމްބީސީއަށް މިއަހަރުގެ މިހާތަނަށް ހަރަދުތައް ފޫނުބެއްދިގެން ފަސް މަސްދުވަހުގެ ނުދައްކާ އޮތް ކަރަންޓް ބިލަށް 7.1 މިލިއަން ރުފިޔާ ވަނީ އަރާފަ އެވެ. އެ ފައިސާ ނުދައްކައިގެން ސްޓެލްކޯއިން ވަނީ އެ ކުންފުނިން އޮަޕަރޭޓް ކުރާ ޓީވީއެމްއިން ކަރަންޓް ކަނޑާލުމަށް މަސައްކަތް ކޮށްފަ އެވެ. އަދި އެ ކުންފުނިން ގިނަ ހިދުމަތާއި ތަކެތި ހޯދަނީވެސް ކްރިޑިޓަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.