ރ. އިންނަމާދޫ ކައުންސިލް އިދާރާ ފަޅާލައި އެތަނުން ވައްކަން ކުރި މައްސަަލައެއްގެ ތަހުގީގު ނިންމައި ތުހުމަތު ކުރެވޭ އަންހެނެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ދައުވާކުރަން ފޮނުވާފައި ވަނީ އިންނަމާދޫ ފިނިފަރު، ފާތިމަތު ޒަހީރާ 33، ގެ މައްޗަށް ކަމަށެވެ.

އޭނާގެ މައްޗަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ މިއަހަރުގެ މެއި 31 ވަނަ ދުވަހު އެރަށު ކައުންސިލް އިދާރާގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން އެ އިދާރާތެރެއަށް ވަދެ 2540ރ. ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭތީ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ވެސް މި މަހުގެ ފުރަތަމަ ދުވަހު ޕީޖީ އަށް ފޮނުވާފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ދައުވާކުރަން ފޮނުވާފައި ވަނީ ރ. އުނގޫފާރު ޒަޔާނާމަންޒިލް އާދަމް ޝަރީފްގެ 19، ގެ މައްޗަށެވެ.

ފުލުހުން ބުނީ އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މިއަހަރުގެ އޯގަސްޓް 13 ވަނަ ދުވަހު ފުލުހުން އެރަށުގައި ހިންގި ޚާއްސަ އޮރަރޭޝަންގެ ތެރޭގައި ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅާފައިވާކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.