މަސްތުވާތަކެތީގެ ބާވަތެއްކުގައިވާ ކެނަބިސް ރާއްޖެ އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ ޖޫން 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މެލޭޝިއަން އެއާލައިންސްގެ ފްލައިޓަކުން ބަންގްލަދޭޝްގެ މީހެއްކަމުގައިވާ ފަރިދުއުދިން ރާއްޖެ އައި އިރު މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމަށް ޝަރީއަތުގައި އިއުތިރާފުވެފައިވާކަމަށެވެ.

އެ ހުކުމްގައި ބުނަނީ އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ތަހުލީލު ކުރި އިރު އޭގައި ހުރީ 321.9000 ގްރާމް ކެނެބިސްކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ.

އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެއްޗާއި ބެހޭ ކުރީގެ ގާނޫނުގެ ދަށުންނެވެ. ސަބަބަކީ އެއީ އޭނާ ކުށްކުރި އިރު އަމަލުކުރަމުން ދިޔަ ގާނޫނު ކަމަށް ވާތީ އެވެ.

މިހާރު އަމަލު ކުރަމުންދާ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު ބުނާގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހަކު އުމުރަށް ޖަލަށް ލުމުގެ އިތުރަށް 100،000ރ. އާއި އެއްމިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.