24 Oct 2012, 15:17
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވެސް ކޯރަމް ގެއްލިގެން ޖަލްސާ ނިންމާލައިފައިވަނިކޮށް، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވެސް އަށް ފަހަރަށް ކޯރަމް ގެއްލިގެން އެންމެ ފަހުން މިއަދުގެ ޖަލްސާ ވެސް ނިންމާލައިފި އެވެ.
މިއަދުގެ ބޭއްވި މަޖިލީހުގެ ޖަލްސާގައި އެންމެ ފުރަތަމަ ކޯރަމްގެ މައްސަލަ ދިމާވީ ޖަލްސާ ފެށިތާ 30 މިނިޓް ތެރޭގަ އެވެ. ހެނދުނު ދަނފަޅީގައި ދެ ފަހަރެއްގެ މަތިން ކޯރަމް ގެއްލިފައިވާއިރު މެންދުރު ތިން ފަހަރަކު ޖަލްސާގައި ކޯރަމް ގެއްލިފައިވެ އެވެ. އަދި މެންދުރުފަހު 1:00 ޖެހިއިރު ޖަލްސާ ފަށައި ކުރިއަށް ދަނިކޮށް ވެސް ތިން ފަހަރެއްގެ މަތިން ކޯރަމް ގެއްލިގެން ޖަލްސާ ހުއްޓާލަންޖެހުނެވެ.
މެންދުރުފަހު 2:00 ޖަހަން އުޅެނިކޮށް މިއަދުގެ ޖަލްސާ ހުއްޓާލިއިރު މަޖިލީހުގެ ތަޅުމުގައި ތިއްބެވީ 17 މެންބަރުންނެވެ. މަޖިލީހުގެ ކޯރަމަކީ 77 ހަތް މެންބަރުންގެ 25 ޕަސެންޓެވެ. އެއީ 20 މެންބަރުންނެވެ.
މިއަދުގެ ޖަލްސާގައި ކޯރަމްގެ މައްސަލަ ދިމާވާން ފެށުމުން މަޖިލީހުގެ ބައެއް މެންބަރުން ވަނީ ރިޔާސަތަށް އެކަމުގައި ފާޑުވިދާޅުވެފަ އެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޯރަމް ގެއްލުނަސް ރިޔާސަތުން އެކަމުގައި ގޮތެއް ނިންމަވާނީ ނިޒާމީ މައްސަލައެއްގެ ދަށުން މެންބަރުން އެކަން އެންގުމުން ކަމަށެވެ. ކޯރަމް ގެއްލިގެން މަޖިލީހުގެ ސެކަރެޓޭރިއަޓުން އެކަން ފާހަގަކޮށްގެން ޖަލްސާ ނުހުއްޓުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ.
"ނިޒާމާ ބެހޭ މައްސަލައެއް ނަންގަވާފައި ގާނޫނު އަސާސީއާ ހިލާފަށް ނުވަތަ ގަވާއިދާ ހިލާފަށް ކުރިއަށްދަންޏާ ކޯރަމް ނެތްކަން ފާހަގަކޮށްދޭންވީ. އެކަން ފާހަގަ ނުކޮށްދޭހާ ހިނދަކު ކޯރަމް އޮތް ކަމަށް ބަލައިގެން ކުރިއަށް ގެންދަވަންވީނުންތޯ؟" ނަޝީދު ވިދާޅުވި އެވެ.